13 ރަށެއްގެ ދަނޑުގައި ޓާރފް އެޅުމަށް ސޮއިކޮށްފި

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކުރުމަށް ނިންމާފައިވާ ޓާފް ދަނޑުގެ ތެރެއިން 13 ރަށެއްގެ ދަނޑުގައި ޓާފް އެޅުމަށް މިއަދު ސޮއިކޮށްފި އެވެ.

ޔޫތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް ހަވާލުކޮށްފައިވަނީ ވީ.އޭ.އެމް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ވީއޭއެމްކޯ) އާ އެވެ. މިނިސްޓްރީގެ ފަރާތުން އެކަމުގެ އެއްބަސްވުންތަކުގައި ސޮއިކުރެއްވީ މިނިސްޓަރު އަހުމަދު މަހްލޫފެވެ. އަދި ވީއޭއެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޒުބައިރެވެ..

މި 13 ރަށުގެ ތެރެއިން ފުރަތަމަ ލޮޓްގައި ހިމެނެނީ ށ. ފުނަދޫ، ށ. ފޯކައިދޫ އަދި ށ. މިލަންދޫއެވެ. ދެވަނަ ލޮޓްގައި ހިމެނެނީ ނ. ކުޑަފަރި އަދި ނ. ވެލިދޫއެވެ. ތިންވަނަ ލޮޓްގައި ހިމެނެނީ ޅ. އޮޅުވެލިފުށި، ރ. ދުވާފަރު އަދި ރ. މާކުރަތެވެ.

ހަތަރުވަނަ ލޮޓްގައި ކ. މާފުށި، ކ. ގުޅި އަދި ކ. ގުރައިދޫ ހިމެނޭއިރު ފަސްވަނަ ލޮޓްގައި ހިމެނެނީ އއ. ރަސްދޫ އަދި ވ. ކެޔޮދޫއެވެ.

މި ލޮޓްތަކުގައި ހިމެނޭ ރަށްތަކުގެ ދަނޑުތަކުގައި ޓާރފް އެޅުމަށް ވީއޭއެމްކޯއަށް އެވޯޑްކޮށްފައިވަނީ ނޭޝަނަލް ޓެންޑަރ ބޯޑުންނެވެ.

މި 13 ރަށުގެ ދަނޑުގައި ޓާރފް އެޅުމަށް އެވޯޑް ކުރެވިފައިވަނީ 38,214,943.03 މިލިއަން ރުފިޔާއަށެވެ.

ޔޫތު މިނިސްޓްރީން ބުނި ގޮތުގައި އެ މަޝްރޫއު ހަވާލުކޮށްފައި ވަނީ ކޮންމެ ލޮޓެއްގެ މަސައްކަތް ވެސް 120 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށެވެ. އަދި މިހާތަނަށް އައިއިރު ޔޫތު މިނިސްޓްރީން ވަނީ ފަސް ރަށެއްގެ ދަނޑުގެ މަސައްކަތް ނިންމާލާފައި ކަމަށް ވެސް ބުނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!