ކަރީނާ ބުނަނީ މި ފޮޓޯގައި ކަރިޝްމާ ވައްތަރީ ގުންޑާ އަކާ ކަމަށް، އެއީ ތެދެއްތަ؟

މިދިޔަ ހަފްތާގައި ފާހަގަކުރި ކަރީނާ ކަޕޫރްގެ 40 ވަނަ އުފަންދުވަހުގެ ތަހުނިޔާ ކިޔައި ދައްތަ ކަރިޝްމާ ކަޕޫރް އިންސްޓަގްރާމަށް ދޫކޮށްލި ކުރީގެ ފޮޓޯއަކަށް ކަރީނާ ވަރަށް މަޖާ ރައްދެއް ދީފިއެވެ.

ކަރިޝްމާ ކަޕޫރް ހިއްސާކުރި ކުޑައިރުގެ ފޮޓޯއިން ފެންނަނީ ކުޑަކުޑަ ކަރީނާގެ ކޮނޑަށް ކަރިޝްމާ އަތް ވައްޓާލައިގެން އިންނަ މަންޒަރެވެ. އަދި ފޮޓޯގެ ކެޕްޝަންގައި ލިޔުނީ އަބަދުވެސް ކޮއްކޮ ހިމާޔަތް ކޮށްދޭނެ ކަމަށެވެ. އެހެނަސް މި ލޯބި ފޮޓޯއިން ކަރީނާއަށް ފާހަގަވީ ކަރިޝްމާ އިށީނދެލައިގެން އިން ގޮތެވެ.

އެގޮތުން އެކަން ފާހަގަކޮށް ކަރީނާ ބުނީ، ކަރިޝްމާ ހީވަނީ “ގުންޑާއެއް” ހެން ކަމަށެވެ. ނަމަވެސް ހަމަ އެއާ ވިދިގެން ކަރީނާ ބުނީ ހަގީގަތުގައި ކަރިޝްމާއަކީ ގުންޑާއެއް ނޫން ކަމަށެވެ. ހިންދީ ބަހުން ގުންޑާއިންނަކީ މީހުންނާ ތަޅާފޮޅައި، ގަދަ ދައްކާލައިގެން އުޅޭ ނުލަފާ މީހުންނަށް ކިޔައި އުޅޭ ނަމެކެވެ. ނަމަވެސް ދިވެހި ރަދީފުގައި “ގުންޑާ” މި ބަހުގެ މާނައަކީ ތަންދޮރު ނުދަންނަ ޖާހިލު މީހާއެވެ.

ކޮންމެއަކަސް ކޮއްކޮގެ މި ކޮމެންޓު ކަރިޝްމާއަށް ވެސް ވީ މަޖާ ކަމަކަށެވެ. އެގޮތުން އެ ކޮމެންޓުގެ ރައްދުގައި ހޭ އިމޯޖީތަކެއް އޭނާ ޕޯސްޓުކޮށްފައި ވެއެވެ.

ކަރީނާއާއި ކަރިޝްމާ އަކީ ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ ކަޕޫރު އާއިލާއަށް ނިސްބަތްވާ ދެބެއިންނެވެ. މީގެތެރެއިން ކަރިޝްމާ މިހާރު ފިލްމުތަކުން ނުފެނުނަސް، ކަރީނާ އަދިވެސް އަންނަނީ ފިލްމުތަކުގައި މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާރުވެސް ކަރީނާ އަންނަނީ “ލާލް ސިންގް ޗައްޑާ” ކިޔާ ފިލްމެއް ޝޫޓު ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!