އެމެރިކާގެ އެންމެ މަތީ ކޯޓަށް ޓްރަމްޕް ފޮނުއްވީ އެމީ ކޯނީގެ ނަންފުޅު

އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު، ރޫތް ބާޑާ ގިންސްބާގް އަވަހާރަވުމާ ގުޅިގެން ހުސްވެފައިވާ މަޤާމަށް އެމީ ކޯނީ ބެރެޓުގެ ނަންފުޅު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށައަޅުއްވައިފިއެވެ.

ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވާތާ ގިނަ ދުވަސްތަކެއް ވެފައި ވަނިކޮށް އުމުރުފުޅުން 87 އަހަރުގައި ގިންސްބާގް އަވަހާރަވެފައިވާއިރު، އެ މަޤާމަށް އައްޔަނު ކުރައްވާނެ ބޭފުޅަކާމެދު އެންމެންގެ ސަމާލުކަން ހުއްޓިގެން ދިޔައެވެ. އަދި އެންމެ މަތީ ކޯޓުގެ ކޮންޓްރޯލް ހޯދުމުގެ ވާދަވެރިކަން، އެމެރިކާގެ ސިޔާސީ ދާއިރާގައި ވެސް ބޮޑުވެގެންދިޔައެވެ.

އެންމެ ފަހުން ރައީސް ޓްރަމްޕް މިވަނީ ސޯޝަލް ކޮންސަރވޭޓިވުންގެ މެދުގައި މަޤްބޫލު އެމީ އެ މަޤާމަށް އައްޔަނު ކުރެއްވުމަށް ނަން ފޮނުވާފައެވެ. އެގޮތުން އެމެރިކާގެ ސެނެޓާ ޙަވާލާދީ ބީބީސީގައި ރިޕޯޓް ކޮށްފައިވާ ގޮތުން އެ މަޤާމަށް އެމީ އައްޔަނު ކުރެއްވުމަށް މިހާރު ވަނީ ނިންމާފައެވެ.

އެހެން ނަމަވެސް ޓްރަމްޕްގެ ރިޔާސީ ވާދަވެރިޔާ ޖޯ ބައިޑެންގެ އިތުރުން، ކުރީގެ ރައީސް ބަރަކް އޮބާމާ ވަނީ އެ ނިންމުން މަޑުޖައްސާލަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

އެމީގެ ނަން އިއުލާނު ކުރައްވައި ހޮނިހިރު ދުވަހު ވައިޓްހައުސްގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ރައީސް ޓްރަމްޕް ވިދާޅުވީ، އެމީއަކީ އެތައް ކާމިޔާބީތަކެއް ޙާސިލު ކުރައްވާފައިވާ އަދި ޤާނޫނުއަސާސީއަށް ވެސް ވަފާތެރި ބޭކަނބަލެއް ކަމަށެވެ.

އެމީ އައްޔަނު ކުރުމަށް ސެނެޓުން ފާސްކޮށްފިނަމަ އެކަމަނާ ވެގެންދާނީ ރައީސް ޓްރަމްޕް އައްޔަނު ކުރެއްވި 3 ވަނަ ފަނޑިޔާރަށެވެ. އެގޮތުން މީގެ ކުރިން ޓްރަމްޕް ވަނީ ނީލް ގޯރޝާއާއި، ބްރެޓް ކަވަނާ ފަނޑިޔާރުކަމަށް އައްޔަނު ކުރައްވާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!