ކަނޑުއޮތްގިރީގައި އަލުން މަސް ބަންދު ކުރަން ފަށަނީ

މިފްކޯއިން ކ. ކަނޑުއޮތްގިރީގައި މަސް ބަންދުކުރަން އަނެއްކާވެސް ނިންމައިފިއެވެ.

މިފްކޯ އިން ބުނި ގޮތުގައި ބަންދުކޮށްދިނުމުގެ ހިދުމަތް އަލުން ދޭން ނިންމީ މަސްވެރިކަމުގެ ސިނާއަތް ފުޅާކުރަން ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ބޮޑު ކަންނެލީގެ އިތުރުން ފަރުމަހުގެ ބާވަތްތައް ވެސް ބަންދުކޮށް ރާއްޖެއިން ބޭރުކުރެވޭ މަހުގެ ބާވަތްތައް އިތުރު ކުރުމަށެވެ. އަދި އޭގެ ސަބަބުން މަސް އެކްސްޕޯޓު ކުރުމުގައި އާއްމުންގެ ހިއްސާ ބޮޑުވެ، ރާއްޖެއަށް ވަންނަ ބޭރު ފައިސާގެ މިންވަރު އިތުރުވެގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.

މިފްކޯއިން މީގެ ކުރިން ކަނޑުއޮތްގޮރި ބޭނުން ކުރަމުން އައީ މަސް ކިރުވައި މަސް ބަންދުކުރާ “ފިޝް ވިލެޖު”ގެ ގޮތުގަ އެވެ. ނަމަވެސް ދިމާވި މައްސަލަތަކަކާ ގުޅިގެން އެ ހިދުމަތްތައް މެދުކަނޑާލާފައި އޮންނަތާ އެތައް އަހަރެއް ވެއްޖެ އެވެ.

މިފްކޯއިން ވަނީ ކަނޑުއޮތްގިރީގައި ބޮޑު ކަންނެއްޔާއި ފަރުމަސް ބަންދުކުރަން ބޭނުންވާ މީހުންނަށް އެކަމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ. އެގޮތުން މިފްކޯގެ ވެބްސައިޓު https://mifco.com.mv/download މެދުވެރިކޮށް ފޯމު ޑައުންލޯޑު ކުރެވޭނެ އެވެ.

ކަނޑުއޮތްގިރީގެ ވަސީލަތްތައް ހުރި މިންވަރުން ފޯމު ހުށަހަޅާ މީހުންނަށް މަސް ބަންދުކުރުމުގެ ފުރުސަތު ދޭނެ ކަމަށް މިފްކޯއިން ބުންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!