ކަރަން ޖޯހަރްގެ ޕާޓީގައި މަސްތުވާތަކެތި ފޯރުކޮށްދިން ކަމަށްބުނާ ވާހަކައާ ބެހޭގޮތުން ވަރުގަދަ ބަޔާނެއް ނެރެފި

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރް މިދިޔަ އަހަރު ބޭއްވި ޕާޓީއެއްގައި ތަރިންނަށް މަސްތުވާތަކެތި ފޯރުކޮށްދީފައިވާ ކަމަށްބުނެ ބައެއް މީޑިއާތަކުން ކުރާ ތުހުމަތުތަކާ ދެކޮޅަށް އޭނާ ބަޔާނެއް ނެރެފިއެވެ.

މިދިޔަ އަހަރުގެ ޖުލައި 28 ވަނަ ދުވަހު ކަރަން އޭނާގެ ގޭގައި ބޭއްވި ޕާޓީގެ ވީޑިއޯތަކެއް މީސްމީޑިއާއަށް ފެންމަތިވިއިރު، އެ ވީޑިއޯއިން ފެންނަން ތިބި ތަރިން ތިބީ ރަނގަޅަށް ވެސް މަސްތުވެފައި ކަމަށްބުނެ ބައެއް މީޑިއާތަކުން އައީ ކަރަން އަށާއި އެ ޕާޓީއަށް ހާޒިރުވި ގިނަ ތަރިންތަކަކަށް އިނގިލި ދިއްކުރަމުންނެވެ. އަދި ފުރަތަމަ އެ ތުހުމަތުތައް ކުރެވުނު އިރުވެސް ކަރަން ވަނީ އެކަން ދޮގުކޮށްފައެވެ.

ނަމަވެސް މިދިޔަ ޖޫން މަހު މަރުވި އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތުގެ މަރުގެ ތަހުގީގުގެ ތެރެއިން ކުރިފަޅައިގެން ނުކުތް މަސްތުވާތަކެތީގެ މައްސަލައިގައި ބޮލީވުޑްގެ ބައެއް ފަންނާނުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކުރި ކަމުގެ ތުހުމަތު ކުރެވިފައި ވާތީ، ކަރަންގެ ޕާޓީގެ ވާހަކަ ވެސް ވަނީ އަލުން ފެންމަތިވެފައެވެ. އަދި ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ)އަށް ބައެއް ތަރިން ހާޒިރުކޮށްގެން ސުވާލު ކުރެވެމުން ދާ މިދަނޑިވަޅުގައި ކަރަން ނެރުނު ބަޔާނުގައި ބުނީ އޭނާގެ ޕާޓީގައި އެއްވެސް ޒާތެއްގެ މަސްތުވާތަކެއްޗެއް ގެންގުޅެފައި ނުވާނެ ކަމަށެވެ. އަދި އެއީ ހަގީގަތެއް ނެތް ތުހުމަތުތަކެއް ކަމަށް ބުނަމުން ކަރަން ބުނީ އޭނާއަކީ އެއް އިރެއްގައި ވެސް މަސްތުވާތަކެތި ބޭނުންކުރި މީހެއް ނޫން ކަމަށެވެ.

“އަހަންނަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއް ނޫން، އަދި އެފަދަ ކަންކަމަށް ހިތްވަރުދޭ މީހެއް ވެސް ނޫން”، ކަރަން ލިޔެފައިވެއެވެ.

މީގެ އިތުރުން ކަރަން ބުނީ، މަސްތުވާތަކެތީގެ ތުހުމަތު ކުރެވިގެން އެންސީބީ އިން ސުވާލުކޮށްފައިވާ ދަރްމާ ޕްރޮޑަކްޝަންގައި މަސައްކަތް ކުރަމުން އައި އެސިސްޓެންޓް ޑައިރެކްޓަރު އަނުބަވް ޗޯޕްރާ އާއި އެގްޒެކެޓިވް ޕްރޮޑިއުސަރު/ޑައިރެކްޓަރު ކްޝިތިޖް ރަވީ ޕްރަސާދަކީ ކަރަން ވަރަށް ގާތްކޮށް ގެންގުޅޭ ދެމީހުން ކަމަށްބުނެ ދެކެވޭ ވާހަކަތަކަކީ ވެސް ދޮގެއް ކަމަށެވެ. އަދި އޭގެތެރެއިން އަނުބަވް، ކަރަންގެ ދަރްމާ ޕްރޮޑަކްޝަންގެ ދަށުން މަސައްކަތް ކޮށްފައިވަނީ މީގެ 8 އަހަރު ކުރިން އެންމެ 2 މަސްދުވަހަށް ކަމަށް ކަރަން ކިޔައިދެނެވެ. “އޭގެފަހުން މިހާތަނަށް ދަރްމާ ޕްރޮޑަކްޝަންގައި އޭނާ މަސައްކަތެއް ނުކުރޭ”.

ހަމައެހެންމެ، ކްޝިތިޖް އަކީ ދަރްމާ ޕްރޮޑަކްޝަންގެ ދަށުން ހިންގާ ދަރްމެޓިކް އެންޓަޓެއިންމަންޓުން މިދިޔަ އަހަރު ނޮވެމްބަރުގައި ފަށާފައިވާ ޕްރޮޖެކްޓެއްގެ އެގްޒެކެޓިވް ޕްރޮޑިއުސަރަށް ހޮވި މީހެއް ކަމަށާއި، ނަމަވެސް އެ ޕްރޮޖެކްޓު ފަހުން އުވައިލީ ކަމަށެވެ.

“ދަރްމާ ޕްރޮޑަކްޝަނާއެކު މަސައްކަތްކުރިޔަސް އެމީހުންގެ މައްޗަށް ކުރެވޭ ތުހުމަތެއްގައި ދަރްމާ ޕްރޮޑަކްޝަނާއި އަހަރެންގެ ނަން ޚަރާބުވާކަށް ނުޖެހޭ. އެމީހުން ކޮންމެ މީހެއްގެ ވެސް ޒާތީ ކަންތައްތައް ހުންނާނެ”، ކަރަން ލިޔެފައިވެއެވެ.

ބަޔާން ނިންމައިލަމުން ކަރަން ބުނީ މީޑިއާތަކުން އަދިވެސް އޭނާއޭ ކިޔައިގެން އެފަދަ ދޮގު ޚަބަރުތައް ފަތުރަމުން ދާނަމަ، ގާނޫނީ ފިޔަވަޅު އެޅުން ނޫން ގޮތެއް ނެތް ކަމަށެވެ.

ފާހަގަކޮށްލަންޖެހޭ ކަމަކީ، ކަރަންގެ ޕާޓީއަށް ހާޒިރުވި ބައެއް ތަރިންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކުރި ކަމުގެ ތުހުމަތު ކުރެވިގެން އެންސީބީއިން ތަހުގީގު ކުރަމުންދާ ކަމެވެ. އޭގެތެރެއިން އެންމެ ފާހަގަކޮށްލެވޭ އެކަކަކީ މަޝްހޫރު ބަތަލާ ދިޕިކާ ޕަޑުކޯން އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!