ކުށް ހީ

(ސަތާރަ ވަނަބައި)

އަހަރެންނަށް ރަށަށް ފޭބުނުއިރު ޒިޔާންއާއި ޒައިދުބޭ ޖެޓީމަތީގައި ތިއްބެވެ. ހިނިތުންވެފައިތިބި އެދެބަފައިންގެ މޫނުފެނުމުންވެސް ހުރިހާ އުފަލެއް އަހަރެންނަށް މަރުޙަބާކީ ކަހަލައެވެ. ޒައިދުބެ އަހަރެންގެ ފޮށި ހިފައިގެން ސައިކަލުގައި ދުއްވާލިއެވެ. އަހަރެންނާ ޒިޔާން ދިޔައީ ޒައިދުބޭގެ ފަސްފަހަތުންނެވެ. ހިގަނމުންދިޔައިރު ޒިޔާންގާތުގައި އަހަން އެދުނު ކިތަންމެ ސުވާލެއް ހުއްޓެވެ. އެހެން ނަމަވެސް ޒިޔާން ހުއްޓާނުލާ ދައްކަމުންދިޔައީ ރަށާއި ރަށުގެ ކަންތަށްތަކަށް އައި ބަދަލުގެ ވާހަކައެވެ. ގެއަށް ވަނުމުން ދައްތަގެ ފަރާތުން އެލިބުނު ލޯއްބާ އޯގާތެރިކަން ފެނިފައި ދިރިއުޅުން ފުރިހަމަ ވެއްޖޭ ހީވިއެވެ.

ސައިބޯލައިގެން ޒިޔާންއާއި އެކުގޮސް ކޮޓަރިއަށް ވަނީމެވެ. ކޮޓަރި އޮތީ މުޅިން ބަދަލުވެފައެވެ. ކޮޓަރީގެ އެކި ތަންތާގައި ބަހައްޓާފައިހުރި  ކުލަކުލައިގެ މައު ޓުކުރިތަކުން ހިތަށް ފިނިކަން ގެނުވައެވެ. އަހަރެން ވަށައިގެން ބަލާލީމެވެ. ކޮޓަރީގައިހުރި ޓީވީ ކައިރީގައި އިން ފޮޓޯއަށް ނަޒަރު ހުއްޓުނެވެ. އަހަރެން މަޑުމަޑުން ގޮސް ފޮޓޯ ފުރޭމް ނެގީމެވެ.

“ތީ އަހަރެން އަންހެނުނާއި ދަރިފުޅު…އެނގޭ ދޯ” ފަރުވާ ކުޑަ ފާޑަކަށް ޒިޔާން ބުނެލިއެވެ.

“ހޫމް…ކޮބާ މިހާރު..” އަހަރެން ބޭނުންވީ އޮޅުންފިލުވާށެވެ. ފުރޭމް ހިފައިގެން އައިސް ޒިޔާން ކައިރީގައި އިށީދެލީމެވެ.

“ރަށުގަ ވީ…” ޒިޔާން އަދިވެސް އެވާހަކައަކަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ.

“ކީއްވެ ރަށަށް ދިޔައީ…ކޮންއިރަކުން އަންނަނީ؟” އަހަރެން އިތުރަށް ސުވާލުކުރީމެވެ.

“ދެން ނާންނާނެ..” ޒިޔާން އިސްތަށަށް ޖަހއިގެން އިދެ ވާހަކަ ދެއްކި ނަމަވެސް އޭނަގެ ހިތާމަތަށް އަހަރެންނަން އިހުސާސްކުރެވެއެވެ.

ޒިޔާންގެ ކޮޑުގައި ހިފާލީމެވެ. އަހަރެންނަށް ވެގެން އުޅޭގޮތް ކިޔައިދިނުމަށް އެދުނީމެވެ.

ޒިޔާންއަށްވެސް ހީވަނީ ވާނުވާ ނޭނގޭހެނެވެ. ޒިޔާން ބުނިގޮތުގައި ސިދާދާ މިތަނުން ދާންޖެހުނީ އޭނާ މާލެއިން ރައްޓެހިވެގެން އުޅުނު ކުއްޖާއާއި ގުޅުން ބާއްވާތީ ޒިޔާން ހިތްހަމަ ނުޖެހުމުންނެވެ.

އަހަރެން ޒިޔާން އަށް ވިސްނާ ދިނުމަށް ވަރަށް މަސައްކަތްކުރީމެވެ. އެވަރު ކަމަކާ ތުއްތު ދަރިފުޅު ބިނަކޮއްލާ ބާކީ ކޮއްލަން ނުވާނެކަން ވިސްނާދިނީމެވެ. ސިދާދާ އިސްލާހުކޮށް އަލުން އައު ފެށުމަކުން ފެށުމަށްޓަކައި އޭނާ ގެނައުމަށް އަހަރެން ޒިޔާންއަށް ހިޔާލުދިނީމެވެ.

“އަހަރެން ފޮނުވައެއް ނުލަމޭ…އަހަރެން ބުނީ އެގުޅުން ކަނޑާ ނުލެވެންޏާ އަހަރެންގެ ހަޔާތުން ދާށޭ..ކަނޑާނުލެވޭނެތީނު އެދިޔައީ.. ދިޔަފަހުން އެތަށް ފަހަރަކު އަހަރެން ގުޅިން.. އެކަމަކު ފޯނެއް ނުނަގާ..ދެއް ކީއްކުރަން…” ޒިޔާން އޭނާގެ ޝަކުވާތަށް ކިޔައިދެމުންދިޔައިރު ލޮލަށް ކަރުނަ ޖަމާވަމުންދިޔައެވެ.

“ކީއްކުރަންހޭ ނުބުނޭ..ދަރިފުޅަށްޓަކައި..” އަހަރެން އޭނާއަށް ހިތްވަރު ދިނީމެވެ. އަދި ދިރިއުޅުން ދަރިފުޅާއި ދުރުގައި ހޭދަކުރުމުގެ މާނައެއް ނެތަކަންވެސް ވިސްނާ ދިނީމެވެ.

އެރަށަށް ދިއުމަށް ޒިޔާން ނިންމީތީ އަހަރެން އުފާވިއެވެ. އެ މައުސޫމު ދަރިފުޅު އަހަރެންނާއެކު ކުޅެ މަޖާކުރާނެ ދުވަހަކަށް އަހަރެންވެސް އިންތިޒާރުކުރީމެވެ. އިރާދަކުރެއްވިއްޔާ އެދުވަސް ވަރަށް އަވަހަށް ފެނިދާނެއެވެ.

މިނިންމުމާއިމެދު ޒިޔާންގެ މަންމައާއި ބައްޕަވެސްތިބީ ވަރަށް ހިތްހަމަޖެހިފައެވެ. އެކުޑަ ދަރިފުޅަށްޓަކައި އެދެމަފިރިންގެ ހިތް އެދެމުންދާވަރުވެސް އެމީހުންގެ ވާހަކަތަކުން ރަނގަޅަށް ހާމަވެއެވެ.

ޖެހިގެންއައިދުވަހު ޒިޔާން އާއި އެކު އަހަރެން އެރަށަށް ދިޔައީމެވެ. މާގިނަ މަސައްކަތެއް ކުރަންނުޖެހި ސިދާދާއާއި ބައްދަލުވިއެވެ.

ދަރިފުޅަށް ކާންދޭން ގޭގެ ޖޯލީގައި އިން ސިދާދާ އަހަރެމެންދެމީހުން ފެނުމުން ތެދުވިއެވެ. ދުލުން ޒިޔާންގެ ނަމަށްވުރެ ކުރިން ނިކުތީ އަހަރެންގެ ނަމެވެ. އަހަރެން އެކަމަކާ ހައިރާނެއް ނުވެއެވެ. އެހެން ނަމަވެސް ޒިޔާން ހުރީ ބަސްހުއްޓިފައެވެ. އެއްފަހަރު އަހަރެންގެ މޫނަށް އަނެއްފަހަރު ސިދާދާގެ މޫނަށް ބަލާލައެވެ.

އަހަރެން އެދެމީހުން ވާހަކަދެއްކުމަށް ފުރުސަތު ދެމުން ގޮނޑީގައި ބާއްވާފައި އޮތް ތުއްތު ދަރިފުޅު ނަގާ އުރާލީމެވެ. ތަންކޮޅެއް ދުރަށް ޖެހިލީ އެދެމަފިރިންނަށް ފުރުސަތު ދިނުމަށްޓަކައެވެ. ސިދާދާ އަހަރެންނަށް ބަލާކަން އަހަރެންނަށް ފާހަގަވެސް ވިއެވެ. އެހެން ނަމަވެސް އަޅާވެސްނުލާ އެއްޗެއްވެސްނުބުނެ އަހަރެން ދުރަށް ޖެހުނީ މިއަދު ސިދާދާގެ ހުރިހާ ހަޤީޤަތެއް ޒިޔާންއަށް ކިޔައިދީ އެކަންކަން ތަކުރާރު ނުކުރާނެކަން ސިދާދާގެ އަމިއްލައަށް އިޤުރާރުވުމަށް ފުރުސަތު ދިނުމަށެވެ.

އެކަމަކު ކަންވީ އެހެނެއް ނޫނެވެ. ޒިޔާން އަށް ދިރިއުޅުމުގެ އެހެން މައްސަލަތަކަށްވުރެ ބޮޑުވީ އަހަރެން ފެނުމުން ސިދާދާއަށް ވީގޮތެވެ. ސިދާދާގެ އަތުގައި ހިފައިގެން ދަމާފައި ކަހަލަ ގޮތަކަށް އަހަރެން ހުރި ހިސާބަށް ގެނައެވެ.

“ކިހިނެއް ނިޔާ އެގެނީ…. ގައިމުވެސް އަހަރެން ނިޔާގެ ވާހަކަ ދެއްކިޔަސް އޭނަގެ ފޮޓޯއެއް ނުދައްކަން …އަދި ނަންވެސް ބުނެވުނު ހަނދާނެއް ނުވޭ..” ޒިޔާންގެ އެ ސުވާލުން ސިދާދާއަށް ބުނަން ނޭނގޭ އުދަނގޫތަކެއް ކުރުވިކަން އަހަރެންނަށް އެގުނެވެ.

“ނިޔާ.. ހަމަޖެހިބަލަ..ސިދާދާއަކީ އަހަރެންގެ ނީނާ..” އަހަރެން އެޖުމްލަ ބުނުމުން ނިޔާއަށް ލިބުނު ސިހުން އޭނާގެ ހަރަކާތުން ފާހަގަވިއެވެ.

“ކި..ކީއްވެ…ކިހިނެއް..” ޒިޔާންގެ ހިތުގައިވެސް އުފެދުނީ ސުވާލުތަކެކެވެ.

“ނޭނގެ…ތީގެ ޖަވާބު ދެވޭނީ ސިދާދާއަށް.” އަހަރެން އަދިވެސް ބޭނުންވަނީ އަހަރެމެން ދެ އެކުވެރިންގެ ސުވާލުތަކަށް ސިދާދާގެ ދުލުން ޖަވާބު ދޭށެވެ. އެހެން ނަމަވެސް އިސްޖަހައިގެންހުރި ސިދާދާގެ ދުލުގައި ހީވަނީ ތަޅު އަޅުވާފައި ހުރިހެނެވެ. އެއްވެސް އެއްޗެއް ނުބުނެ ހަނުހުރީއެވެ.

” ސިދާދާ…ކިޔައިދީބަލަ؟” މިކޮންކަންތަށް ގަނޑެއްތަ؟ ވެގެން އުޅޭގޮތެއް ބުނެދީބަލަ..” ޒިޔާންގެ ހިތުގައި އަޅަމުންދާ ވޭން ބޭރުވަމުންދިޔައީ ނަފްރަތާއި ރުޅިވެރިކަމުގެ ސިފައިގައެވެ. ހިތުގައިވާ އުދާސްތަށް ބޭރުކުރުމަށްޓަކައި ދެންވެސް ވާހަކަދެއްކީ ޒިޔާން އެވެ.

 “ސިދާދާ ތީ ހާދަހާ ގޮސްމީހެކޭ ދޯ..މަގޭ ރަހުމަތްތެރިޔާގެ ދިރިއުޅުން ބަރުބާދުކޮއް މަގޭ ދިރިއުޅުމަށްވެސް ވެރިވެ ގަތީތަ..” ޒިޔާން އަދި އެވިސްނަނީ ނުބައި ކޮށެވެ. ސިދާދާ ޒިޔާންގެ ދިރިއުޅުމަށް އައީ ޒިޔާންއަކީ އަހަރެންގެ ރަހުމަތްތެރިއެއްކަން އެނގިގެނެއް ނޫނެވެ. އެކަމުގައިވަނީ އެހެން ހަޤީޤަތެކެވެ.

“ކަލެއާއި ހެދި އަހަރެން ނިޔާއަށް ނަފްރަތުކުރީ…ކަލޭގެ ސުންޕާކަމުން ނިޔާ އުޅެންޖެހުނީ ކޮން ހާލެއްގަ…ތިއީ ނުބައި ނުލަފާ އަންހެނެއް..” ޒިޔާންގެ ރުޅި ދިޔައީ ގަދަވަމުންނެވެ.

“ސިދާދާ ..މިގޭގަ އެހެން މީހަކު ނޫޅޭތަ…؟” އަހަރެން އެސުވާލުކުރީ ދަރިފުޅުގެ ކުރިމަތީގައި ޒިޔާންގެ ރުޅި އެހެން ގަދަވާތީ އެހެން މީހަކާ ދަރިފުޅު ހަވާލުކުރުމަށެވެ.

“ދައްތަ އުޅޭނެ..” ކިތަންމެ ކުރުކޮށް ނަމަވެސް ސިދާދާއަށް އެސުވާލަށް ޖަވާބު ދެވިއްޖެއެވެ.

ދަރިފުޅު ދައްތައާއި ހަވާލުކޮއްފައި އެނބުރި އައުމަށް އަހަރެން އެދުނީމެވެ. އަހަރެން ބުނިގޮތަށް އެކަން ކުރުމުން އެދެމީހުން ޖޯލީގައި ބޭއްތިއްބުމަށްފަހު ކައިރީގައި އިށީނީމެވެ. މާޒީ ބަދަލުނުކުރެވޭނެ ކަމަށާއި އެހެން ނަމަވެސް ދަރިފުޅަށްޓަކައި ރީތި ދިރިއުޅުމެއް އުޅެން ޖެހޭނެކަން ވިސްނާ ދެވެތޯ ވަރަށް މަސައްކަތްކުރީމެވެ. އަހަރެންގެ އެދުމަކަށްވީ މާޒީގައި ހިގާފައިވާ ކަންތަށްތަކުގެ ތެރެއިން ޒިޔާންއާއި ގުޅިފައިވާ ކަންތަށްތަށް ޒިޔާން އަށް ރަގަނޅަށް ސާފުކޮއްދިނުމެވެ. ސިދާދާގާތު އެގޮތަށް އެކަން ކޮށް މާފަށް އެދުމަށްވެސް ބުނީމެވެ.

“ދެން ދައްކަން އޮތީ ކޮން ވާހަކައެއް.. އަހަރެން ދެން ސިދާދާއަށް އިތުބާރެއް ނުކުރާނަން..ކުރިންވެސް ސިދާދާއަށް އިތުބާރުކޮށް އަހަރެންގެ ރަޙުމަތްތެރިކަމުގަ ކޮޅު ފައިންޖެހީ..އެކަމުގެ ނަތީޖާ ފެނުނެއްނު..ދެން ކޮންމެ އެއްޗެއް ކިޔަސް އަހަރެން އިތުބާރެއް ނުކުރާނަން..އަހަރެން ބޭނުމީ އަހަރެންގެ ދަރިފުޅު..”

ޒިޔާންގެ ހިތުގައި ރޯވަމުންދާ ނަފުރަތުގެ ހުޅުގަނޑު ދިޔައީ ބޮޑުވަމުންކަން އޭނާގެ ބަސްތަކާއި ރާގުން އަހަރެންނަށް ޔަޤީންވިއެވެ.

“ޒިޔާން ..ހަމަޖެހިބަލަ..ސިދާދާއަށް ވާހަކަދައްކަން ފުރުސަތުދީ.. އަހަރެމެން ދެމީހުންނަށްވެސް އޭނާ ޖަވާބުދާރީ ވާންޖެހޭނެ…..” އަހަރެން ޒިޔާން ހަމައަކަށް އެޅުވުމަށް މަސައްކަތްކުރީމެވެ.

“ބޭނުމެއް ނޫން..ސިދާދާއަށް މިއޮތް ހުރިހާ ދުވަހެއްވީއިރު ނުބުނެވުނު ހަޤީޤަތެއް މިއަދަކުވެސް ނުބުނެވޭނެ..ހިގާ ދާން…” ޒިޔާން އިން ޖޯލިން ތެދުވަމުން ބުނެލިއެވެ.

” އަހަރެން ދަމުންދާނީ އަހަރެންގެ ދަރިފުޅުވެސް ގޮވައިގެން…އޭރުންދެން ނާޗަރަގީ ކުޅެން އިދޭ” އިސްޖަހައިގެން އިން ސިދާދާއަށް އިގިލި ދިއްކޮއްފައި ރުޅިވެރި ރާގަކަށް ޒިޔާން އެހެން ބުނުމުން އަހަރެންނަށް އިން ޖޯލިން ތެދުވެވުނެވެ. ޒިޔާން މަޑު ނުކުރާނެކަން އެގުމުން އަހަރެންވެސް އޭނާ އާއި އެކު ހިގައި ގަތީމެވެ. ޒިޔާންގެ މިސްރާބު ހުރީ ގޭތެރެއަށް ވަނުމަށެވެ.

” އެއީ ޒިޔާންގެ ދަރިއެއް ނޫން..” ފަހަތުން އައި އަޑަށްވުރެ ބޮޑަށް ދެމީހުންވެސް ސިހުނީ އެބުނި ޖުމްލައަށެވެ.

(ނުނިމޭ)

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!