ކޮޗިން ފެރީ ކުޅުދުއްފުށީގައި ބަނދަރުކޮށްފި

އިންޑިއާގެ ކޮޗިން އާއި ހދ. ކުޅުދުއްފުއްޓާ ދެމެދު ފަށާ ކާގޯ ފެރީގެ ފުރަތަމަ ދަތުރުގައި މުދާ ބަރުކޮށްގެން އައި ބޯޓު މިއަދު ހެނދުނު ބަނދަރުކޮށްފިއެވެ.

މިމަހުގެ 22 ވަނަ ދުވަހު އިންޑިއާގެ ކޮޗިން އިން މުދާ ހިފައިގެން ފުރި އެ ކާގޯ ފެރީ ރަށަށް ބަނދަރުކޮށްފައި ވަނީ މިއަދު ހެނދުނު 6:30 ހާއިރެވެ. 

މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން ބުނީ އެ ބޯޓުގެ ފުރަތަމަ ދަތުރުގައި ކުޅުދުއްފުއްޓަށް ބާލާނީ، 500 ޓަނުގެ ސިމެންތި އާއި، އަދި އެހެނިހެން ބާވަތްތަކުގެ މުދާ ހިމެނޭ ދެ ކޮންޓެއިނަރު ކަމަށެވެ. އެއީ، 500 ޓަނަށް ވުރެ ގިނަ މުދާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ރަތަމަ ދަތުރަށް މަރުހަބާ ކިޔުމުގެ ގޮތުން ކުޅުދުއްފުށީގައި ކުލަގަދަ ރަސްމިއްޔާތެއް ބާއްވަން ރާވާފައި އޮތް ނަމަވެސް، އިއްޔެ ކުޅުދުއްފުށިން ކޮވިޑް ކޭހެއް ފެނުމާ ގުޅިގެން އެ ރަށަށް މީހުން އަރައި ފޭބުން މަނާކޮށްފައި ވާތީ، އެ ރަސްމިއްޔާތުތައް މިހާރު ވަނީ މެދުކެނޑާލައިފައެވެ.

ކޮންމެ މަހަކު ތިން ދަތުރުކުރަން ހަމަޖެހިފައިވާ އެ ފެރީއަކީ ބޮޑު ފެރީއެއް ކަމުން ކުޅުދުއްފުށީ ޕޯޓުގައި ބަނދަރެއް ނުކުރެވެ އެވެ. އެހެންކަމުން، ކުޅުދުއްފުށީ ބޭރުގައި ބާއްވައިގެން މުދާ ބާލަނީ ބޮޑެތި ދޯނިތައް ބޭނުންކޮށްގެންނެވެ.

ކުޅުދުފުއްޓަށް މުދާ ހުސްކުރުމަށް ފަހު ދެން އެ ފެރީ މިސްރާބު ޖަހާނީ މާލޭ ޕޯޓަށެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!