ޕްރޭނާއަށް ދިން ލޯތްބަށް އެރިކާ ޝުކުރު އަދާކޮށްފި

ނިމުމަކާ ގާތް ވެފައިވާ ޑްރާމާ ސިލްސިލާ “ކަސޯޓީ ޒިންދަގީ ކޭ 2” ގެ ޕްރޭނާއަށް ބެލުންތެރިންގެ ފަރާތުން ލިބުނު ލޯތްބާއި ތަރުހީބަށް އެ ކެރެކްޓާ ކުޅޭ އެކްޓްރެސް އެރިކާ ފަނަންޑެސް ޝުކުރު އަދާކޮށްފިއެވެ.

އެރިކާ ޝުކުރު އަދާކޮށްފައި ވަނީ އިއްޔެ އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯތަކަކާ އެކުގައެވެ. އެގޮތުން 27 އަހަރުގެ ބަތަލާ ވަނީ ފޮޓޯ ޝޫޓެއްގެ ފޮޓޯތަކެއް ހިއްސާކޮށް، ޕްރޭނާގެ ޑައިލޮގުތަކެއް ލިޔެފައެވެ. އަދި އެތަނުން އެއް ފޮޓޯގެ ކެޕްޝަންގައި ވަނީ ބެލުންތެރިންނަށް ޝުކުރު އަދާކޮށްފައެވެ.

“ޕްރޭނާގެ ގޮތުގައި އަހަރެން ބަލައިގަތް ކަމަށްޓަކާ ޝުކުރިއްޔާ” އެރިކާ ލިޔެފައިވެއެވެ.

ސްޓާ ޕްލަސް އިން ގެނެސްދޭ ކަސޯޓީ ނިމުމަކަށް ގެންނަން އުޅެނީ، އޭގައި ބަތަލުގެ ރޯލު ކުޅޭ އެކްޓަރު ޕާތު ސަމްތާން އެ ޝޯއާ ވަކިވާން އުޅޭތީ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި މިހާރުވެސް ޝޯގެ އެތައް މޫނުތަކެއް ބަދަލުވެފައި ވާތީ، ޝޯއަށް ކުރިން އޮތް ތަރުހީބު ލިބެމުން ނުދާތީ، ކުރިއަށް ނުގެންދަން ނިންމީ ކަމަށް ޕްރޮޑިއުސަރުން ބުނެފައިވެއެވެ. ކަސޯޓީގެ ވަރުގަދަ ރޯލެއް ކަމަށްވާ ކޮމޮލިކާގެ ބައި ފުރަތަމަ ކުޅެމުންދިޔަ ހިނާ ޚާން ވަނީ މާ ގިނަ ދުވަސްތަކެއް ނުވެ ވަކިވެފައެވެ. އަދި އޭގެފަހުން މިދިޔަ ލޮކްޑައުން އަށްފަހު ބަޖާޖުގެ ރޯލު ކުޅެމުންދިޔަ ކަރަން ސިންގް ގްރޯވާ ވެސް ވަނީ ވަކިވެފައެވެ.

ކަސޯޓީގެ ފަހު އެޕިސޯޑު ދައްކާނީ އަންނަ އޮކްޓޯބަރު 3 ވަނަ ދުވަހު ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ހުކުރަކީ ކަސޯޓީއަށް ދެ އަހަރު ފުރުނު ދުވަހެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!