ސެލީނާ ފޮރުވައިގެން އުޅުނު ލަކުނު ފުރަތަމަ ފަހަރަށް ދައްކާލައިފި

މީގެ ތިން އަހަރު ކުރިން ކިޑްނީ ޓްރާންސްޕްލާންޓެއް ހަދާފައިވާ އެމެރިކާގެ ލަވަކިޔުންތެރިޔާ ސެލީނާ ގޮމޭޒް، އޭނާގެ ލަކުނު ފުރަތަމަ ފަހަރަށް އާންމުންނަށް ދައްކާލައިފިއެވެ.

ސެލީނާ، 28، އިއްޔެ ކުރި އިންސްޓަގްރާމް ޕޯސްޓުގައި ފެންނަނީ ނޫކުލައިގެ ސްވިމްސޫޓެއް ލައިގެން ފޮޓޯއަށް ހުއްޓި ހުންނަ މަންޒަރެވެ. އަދި އޭނާގެ އުކުޅުވަޅު ކައިރިން ލަނުކު ފެންނަން ހުރިއިރު، ފޮޓޯގެ ކެޕްޝަންގައި ސެލީނާ ވަނީ އެކަމާ ބެހޭގޮތުން ވާހަކަ ދައްކައިފައެވެ.

“އެންމެފުރަތަމަ ކިޑްނީ ޓްރާންސްޕްލާންޓު ހެދިއިރު އަހަރެން ހަނދާންވޭ ލަކުނު ފެންނަގޮތަށް ބެހެއްޓުން އުނދަގޫ ކަމަކަށް ވެގެން އުޅުން ކަން. އޭރު ބޭނުމެއް ނުވޭ ފޮޓޯއަކަށް ވެސް ލަކުނު އަރާކަށް. އެހެންވެ އެތަން ފޮރުވޭ ގޮތަށް މުޅިންވެސް ހެދުން އެޅީ” ސެލީނާ ލިޔެފައިވެއެވެ. ނަމަވެސް އޭނާ ބުނީ، މިހާރު އެ ލަކުނު ދައްކަން އެއްވެސް ޖެހިލުމެއް ނުވާ ކަމަށާއި، އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑުވެފައިވާ ކަމަށެވެ. ހަމައެހެންމެ، އޭނާ ތަހައްމަލު ކޮށްފައިވާ ހުރިހާ ކަމަކާމެދު ފަޚުރުވެރިވާ ވާހަކަ ވެސް ލިޔެފައިވެއެވެ.

މި ފޮޓޯއަކީ ލަ’މަރިއެޓް ނަމަކަށްކިޔާ ސްވިމްސޫޓް ބްރޭންޑެއް ޕްރޮމޯޓު ކުރުމަށް ސެލީނާ ހިއްސާކޮށްފައިވާ ފޮޓޯއެކެވެ. އެގޮތުން އެ ބްރޭންޑުގެ އަމާޒަކީ އަންހެނުން އެމީހުންގެ ހަށިގަނޑާމެދު އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ވަރުގަދަ ކޮށްދިނުމެވެ. އެއާއެކު ސެލީނާ ވަނީ އެކަމަށް ތައުރީފުކޮށް، ލަ’މަރިއެޓް އަށް މަރުހަބާ ކިޔައިފައެވެ.

ސެލީނާ ގޮމޭޒް ކިޑްނީ ޓްރާންސްޕްލާންޓެއް ހަދަން ޖެހުނީ ލޫޕަސް ކިޔާ ބައްޔެއްގެ ސަބަބުންނެވެ. އަދި ސެލީނާއަށް ކިޑްނީ ހަދިޔާކޮށްފައި ވަނީ އޭނާގެ ގާތް އެކުވެރިޔާ ފްރާންސިއާ ރައިސާ އެވެ.