މަލާއިކަތުން ޚަލްގުކުރެއްވުން

ގަދަކީރިތިވަންތަ ﷲތައާލާ މަލާއިކަތުން ޚަލްގުކުރައްވާފައިވަނީ ތަފާތު ދަރަޖަތަކުގައެވެ. އަދި ތަފާތު ގޮތްތަކަށެވެ. އާންމު ގޮތެއްގައި މަލާއިކަތުން ޚަލްގުކުރެވިފައިވަނީ ނޫރުންނެވެ. މަލާއިކަތުންނަށް އީމާންވުމަކީ އިސްލާމްކަމުގެ ފަސް ރުކުނުގެ ތެރެއިން ދެވަނަ ރުކުނެވެ.

މަލާއިކަތުން ޚަލްގުކުރެވިފައިވަނީ ނޫރުން ކަމުގެ މާނައަކީ ޚަލްގުކުރެވުމުގެ އަސްލެވެ. ޖިންނީން އަލިފާނުންނެވެ. ނަމަވެސް އިންސާނާގެ ހަށިގަނޑު ފެންނަ ފެނުމަށް އެކުލެވިގެންވަނީ ކައްޓާއި މަހާއި ލެއާއި ފެނެވެ.

މަލާއިކަތުން ލައްވާފައިވަނީ ތަފާތު ސިފަފުޅުތަކުގައި ތަފާތު ގޮތްގޮތަށް ތަފާތު މަސްއޫލިއްޔަތުތަކުގައެވެ. މިސާލަކަށް ނަރަކަ (ޖަހަންނަމަ) އާއި ހަވާލުކުރެވިފައިވަނީ ޒަބާނިއްޔަ މަލާއިކަތުންނެވެ. ސުވަރުގެ (އަލްޖަންނަތު) ހަވާލުކުރެވިފައިވަނީ ރަޙްމަތުގެ މަލާއިކަތުންނާއެވެ.

މަލާއިކަތުންނަކީ ﷲތަޢާލާގެ ހުކުމްތަންފީޒުކުރުމަށް ހަވާލުވެ ތިއްބަވާ ފަރާތެވެ. ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ކުޑަވެސް ލަސްވުމެއް، ފަރުވާކުޑަކުރުމެއް، ނުކޮށް ދޫކޮށްލުމުގެ ބާރެއް، އިޙަތިޔާރެއް މަލާއިކަތުންނަށް ލިބިގެނެެއް ނުވެއެވެ. މާނައަކީ ﷲތަޢާލާގެ ކޮންމެ އަމުރުފުޅެއް އެ އަމުރުފުޅު ކުރައްވާ ގޮތަކަށް ވަގުތުން ވަގުތަށް ކުރައްވާނެއެވެ. އަދި ކޮންމެ މަލާއިކަތަކު އެމަލާއިކަތެއްގެ މަސްއޫލިއްޔަތާއި ގުޅޭ ސިފައަކަށް ބަދަލުވުމުގެ ބާރާއި ގާބިލްކަން މަލާއިކަތުންނަށް ދެއްވާފައިވެއެވެ. މިގޮތުން ﷲ ތަޢާލާގެ ވަޙީގެ މަލާއިކަތަށް ޖިބްރީލް ޢަލައިހިއްސަލާމް ވަޙީއާއިގެން ރަސޫލުބޭކަލުންގެ އަރިހަށް ވަޑައިގަތުމުގައި އިންސާނެއްގެ ސިފަފުޅުގައި ވަޑައިގަންނަވާ ކަމަށް ސައްހަ ހަދީޘުން ސާބިތުވެއެވެ.

މަލާއިކަތުން ދުށުމުގެ ގާބިލްކަން ރަސޫލުން މެނުވީ އިންސާނުންނަށް ދުނިޔޭގައި ލިބިގެނެއް ނުވެއެވެ. މިއީ އަހަރެމެން އަބަދުވެސް ހަނދާން ކުރަން ޖެހޭ ނުކުތާއެކެވެ. އެހެނީ ޝައިތާނާ މަލާއިކަތެއް ކަމަށް ހެދިގެން އިންސާނާ މަގުފުރެއްދުމަށް މަސަތްކަތްކުރާނެކަން ސައްހަ ހަދީޘުން ސާބިތުވާތީއެވެ.

އިންސާނާ މަރަށް ހާޒިރުވާ ވަގުތު މަލާއިކަތެއް ކަމަށް ހެދިގެން ޝައިތާނާ އިންސާނާ މަގުފުރައްދައެވެ. މަރަށް ހާޒިރުވެފައިވާ އިންސާނާއަށް ޝައިތާނާ ބުނެއެވެ. “އޭ މިވެނި މީހާއެވެ. ކަލޭ ދުނިޔެ ދޫކޮށްފައި ތިޔަ ދަނީ ރަނގަޅު ދީނެއްގައެއް ނޫނެވެ. ރަނގަޅު ދީނަކީ ނަސާރާ ދީނެވެ. ނަސާރާއަކަށް މެނުވީ ސުވަރުގެއެއް ނުވަދެވޭނެއެވެ. މަރުވުމުގެ ކުރިން ކަލޭ ނަސާރާ ދީނަށް ވަންނާށެވެ.” މިއީ މަރުގެ ވަގުތުގައި ޝައިތާނާ އިންސާނާ މަގުފުރެދުމަށް ހުށަހަޅައިގަންނަ ހުށަހަޅައިގަތުމެކެވެ. އަދި މީގެއިތުރުން ޖާހިލުކަން ހައްދުފަހަނަ އަޅާފައިވާ އިންސާނުންނަށްވެސް ޝައިތާނާ މަލާއިކަތެއްގެ ނަމުގައި ވަސްވާސްދެއެވެ. އަދި އިލްމު ލިބިފައި ނުވާ އަޅުވެރިންނަށްވެސް ޝައިތާނާ މަލާއިކަތެއްގެ ނަމުގައި ވަސްވާސްދެއެވެ. މިފަދަ ވަސްވާސްތަކުން ސަލާމާތްވެވޭނީ ދީނީ ހޭލުންތެރިކަން ލިބި ތަޤްވާވެރިވެގެންނެވެ. އީމާންކަމުގައި ސާބިތުވެ ހުރުމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!