ޤުދުރަތީ ވެއްޓާމެދު އިންސާނުންގެ އަމަލުތައް ހުންނަގޮތުން ރާއްޖެފަދަ ޖަޒީރާ ޤައުމުތަކަށް ކުރާ އަސަރު ވަރަށް ބޮޑު

ޗައިނާގެ މިނިސްޓްރީ އޮފް އިކޮލޮޖީ އެންޑް އެނަވަޔަރަންމަންޓް އިން “ބަޔޯޑައިވަރސިޓީ ބިޔޯންޑް 2020، ބިލްޑިންގ އަ ޝެއަރޑް ފިއުޗަރ ފޮރ އޯލް ލައިފް އޮން އަރތް” މި ތީމްގެ ދަށުން ބޭއްވި މިނިސްޓަރުންގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ހުސެއިން ރަޝީދު ހަސަން ބައިވެރިވެވަޑައިގެންފިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ޑރ. ޙުސެއިން ރަޝީދު ހަސަން ވިދާޅުވީ، ޤުދުރަތީ ވެއްޓާމެދު އިންސާނުންގެ އަމަލުތައް ހުންނަގޮތުން ދިވެހިރާއްޖެފަދަ ޤުދުރަތީގޮތުން ބޮޑު ކަނޑަކާއި، ފަރެއް ލިބިފައި އޮންނަ ޤައުމުތަކަށް ކުރާ އަސަރު ވަރަށް ބޮޑުކަމަށެވެ. އަދި ރާއްޖެއަކީ ކުޑަ ޤައުމަކަށްވެފައި ޤައުމުގެ އިޤްތިސާދާއި މީހުންގެ ދިރިއުޅުން ބިނާވަނީ ކަނޑުން ލިބޭ ދިރުމަށާއި، ލިބިފައިވާ ޤުދުރަތީ ރީތި ފަރަށާއި ފަރުގައި އުޅޭ ރީތި މަސްމަހާއި މެއްސަށްކަމަށާއި، މަސްވެރިކަމަކީ ޒަމާނުއްސުރެ ރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި ކުރަމުން އަންނަ ކަމެއް ކަމުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ އިޤްތިސާދު އެންމެ ބޮޑަށް އޭގެ މައްޗަށް ބިނާވެފައިވާ ފަތުރުވެރިކަން ގުޅިފައިވަނީ ރާއްޖެއަށް ލިބިފައިވާ ޤުދުރަތީ ރީތިކަމާއި ކަނޑުގެ ދިރުންތަކުގެ މުއްސަނދިކަމަށް ވީހިނދު މޫސުމީ ބަދަލުތަކުގެ ސަބަބުން މި ދިރުންތަކަށް ލިބޭނެ ގެއްލުން ވަރަށް ބޮޑުކަމަށެވެ. އެހެންކަމުން މި ގެއްލުން ކުޑަކުރުމަށް ހުރިހާ ޤައުމަކުންވެސް އެއްބާރުލުން ބޭނުންވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިކަމަށް އެކަށީގެންވާ ރަނގަޅު ސިޔާސަތުތަކެއް ހަދައި މިހާރުން މިހާރަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައިފިނަމަ ލިބޭ ގެއްލުން ކުޑަވާނެކަމަށާއި، އަދި މި ސިޔާސަތުތައް ތަންފީޒުކުރުމަށް އެކަށީގެންވާ ވަސީލަތްތައް ބޭނުންވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އެންވަޔަރަމަންޓް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ، ސައިންސްވެރިން ފާހަގަކުރާ ގޮތުގައި ކަނޑުގެ ދިރުންތައް ރައްކާތެރިކޮށް ބެލެހެއްޓުމަށް އެންމެ މަދުވެގެން ކަނޑުގެ ސަރަހައްދުގެ 30 އިންސައްތަ ހިމާޔަތްކުރަންޖެހޭކަމަށެވެ. އެހެންކަމުން ކަނޑުގެ 30 އިންސައްތަ ރައްކާތެރިކުރުމަށް “ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވާސިޓީ” އިން 2021 ން 2030 އަށް ކަނޑައަޅާ ލަނޑުދަނޑިތަކުގެ ތެރޭގައި އެކަމާ ގުޅޭ ލަނޑުދަނޑިއެއް ފާސްކުރުމަށް މިނިސްޓަރ ވަނީ ހުރިހާ ޤައުމަކަށް ގޮވާލައްވާފައެވެ.

މި ބައްދަލުވުމަކީ މި ހިނގާ ސެޕްޓެމްބަރ މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޔުނައިޓެޑް ނޭޝަންސް ސަމިޓް އޮން ބަޔޯޑައިވަރސިޓީއަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި ބައްދަލުވުމެކެވެ. މިއީ 2021 ގައި ބޭއްވުމަށް ހަމަޖެހިފައިވާ 15 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް 15)ގެ ރިޔާސަތު ބަލަހައްޓާ ޤައުމުގެ ހައިސިއްޔަތުން ޗައިނާގެ މިނިސްޓްރީ އޮފް އިކޮލޮޖީ އެންޑް އެންވަޔަރަންމަންޓް އިން ބޭއްވި ބައްދަލުމެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!