ސުޝާންތާ ބެހޭ އާ ވާހަކަތަކެއް ތަފްސީލާއެކު ރިއާ ކިޔައިދީފި!

ޖޫން މަހު މަރުވި އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތާ ބެހޭގޮތުން އާ ވާހަކަތަކެއް އޭނާގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީ އަނެއްކާވެސް ތަހުގީގަށް ކިޔައިދީފިއެވެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، 28 އަހަރުގެ އެކްޓްރެސް އޭނާގެ ކަފާލާތަށް އެދިގެން ހުށަހެޅި ބަޔާނުގައި ވަނީ ސުޝާންތުގެ ނަފްސާނީ މައްސަލަތަކާ ބެހޭގޮތުން ވަރަށް ތަފްސީލީ ވާހަކަތަކެއް ކިޔައިދީފައެވެ. އެއީ:

1. ސުޝާންތު އޭނާގެ ދިރިއުޅުން ޑޮކިއުމެންޓު ކުރަން ބޭނުންވެގެން، ފްލެޓްމޭޓު ސިދާތު ޕިޓާނީ އާއެކު ވަރަށް ގިނަ ވީޑިއޯތަކެއް ރިކޯޑުކޮށްފައިވޭ. އެކަމުގެ ބޭނުމަކީ، މީހުން ސުޝާންތާމެދު ދެކޭގޮތް ބަދަލުކުރުން

2. ސުޝާންތު ބޮޑަށް އުޅޭހިތްވީ އޭނާގެ ރައްޓެހިންނާއެކު، އަދި އާއިލާ ފުދޭވަރަކަށް ދުރުކަމެއް އޮތް. ކަޕްރީ ހައިޓްސްގައި ހުރި ފްލެޓުގައި ދައްތަ ޕްރިޔަންކާ އަދި ޅިޔަނާއެކު އުޅުނުއިރު ވެސް އެގޭގައި ރައްޓެހިން އުޅޭ. ކުދި އަވަށްތަކުގެ ރައްޓެހިންނަށް އެހީތެރިވުމަކީ ސުޝާންތު ވަރަށް ކުރާހިތުން ކުރި ކަމެއް.

3. ދައްތަމެން އުޅެނީ ފައިސާއާ ހެދި ކަމަށް ސުޝާންތު ގަބޫލުކުރި. އެގޮތުން ސުޝާންތު އޭނާގެ ޑިޕްރެޝަނާ ބެހޭގޮތުން ދައްތަމެންނަށް އަންގަން ގުޅުމުން އެމީހުން ސުޝާންތާ ބައްދަލުކުރަން މިދިޔަ އަހަރު ނޮވެމްބަރު މަހުގެ މެދުތެރޭގައި މުމްބާއީއަށް އައި ކަމަށާއި، އެއަށްފަހު ސުޝާންތުގެ ފަރުވާއަށް ޗަންޑީގަޅަށް ދިޔުމަށް އެމީހުން އެދުނު ކަމަށް ސުޝާންތު ރިއާއާ ހިއްސާކޮށްފައިވޭ. ނަމަވެސް ނޮވެމްބަރު 26 ގައި ރިއާއަށް ގުޅާފައި އެމީހުންނާއެކު ދާން ބޭނުންނުވާ ކަމަށް ބުނި ކަމަށްވޭ. އެއީ އެމީހުން އުޅެނީ ސުޝާންތުގެ ފައިސާގެ ފަހަތުން ކަމަށް އޭނާއަށް ހީވާތީ ކަމަށް ބުނި.

4. ރިއާ އަމިއްލަ ގެއަށް ބަދަލުވާން މި އަހަރު ޖެނުއަރީ މަހު ސުޝާންތު އެދިފައިވޭ، އެއީ ސުޝާންތު ޕަވާނާއަށް ބަދަލުވާން ނިންމުމުން. އަދި ރޫމީ ޖެފްރީއަށް ގުޅާފައި އެކްޓު ކުރުމާ ދުރުވެ، ދަނޑުވެރިކަން ކުރަން ބޭނުންވާކަމަށް ބުނި ކަމަށްވޭ.

5. ހަމަ އެ މަހު ރިއާއަށް ގުޅާފައި، ހޮލީވުޑް އެކްޓަރު ޖިމް ކެރީގެ ޑިޕްރެޝަން ދަތުރާ ބެހޭ ޑޮކިއުމެންޓެއް ބަލާފައި، ސުޝާންތުގެ އަމިއްލަ ޑިޕްރެޝަނާ ދެކޮޅަށް ހަނގުރާމަކުރަން ހިތްވަރު ލިބިއްޖެ ކަމަށް ބުނި.

6. މި އަހަރު މަރުވި ބޮލީވުޑްގެ ކުޅަދާނަ ދެ އެކްޓަރުން ކަމަށްވާ އިރްފާން ޚާނާއި ރިޝީ ކަޕޫރުގެ މަރުގެ ސަބަބުން ސުޝާންތަށް ވަރަށް ބޮޑަށް އަސަރުކުރި، އަދި ނަފްސާނީ ގޮތުން ވަރަށް ބޮޑުވަރުވި.

7. އެކަނި ހުންނަ ވަގުތުތަކުގައި މަންމަގެ އަޑު އިވޭކަމަށް ސުޝާންތު ބުނި. ޖޫން މަހު ވެސް ރިއާ ކައިރީގައި ހަމަ އެވާހަކަ ދައްކާފައިވޭ. ސުޝާންތުގެ މަންމަ ވަނީ މީގެ އަހަރުތަކެއް ކުރިން މަރުވެފަ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!