ފުވައްމުލަކު ހޮސްޕިޓަލުން ލެބޯޓްރީ ޓެސްޓްތައް މާލެ ފޮނުވުމަށް މޯލްޑިވްސް ޕޯސްޓްއާއި އެކު އެއްބަސްވުމަކަށް

ފުވައްމުލަކު ހޮސްޕިޓަލުން ނަގާ ބައެއް ޓެސްޓް ސާމްޕަލްތައް މާލެ ފޮނުވުމަށް މޯލްޑިވްސް ޕޯސްޓްއާއި އެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަޙްމަދު އަދުހަމް އެވެ. އަދި ފުވައްމުލަކު ހޮސްޕިޓަލުގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖަރ، ހެލްތު ސާވިސަސް އަޙްމަދު ސައީދުއެވެ.

މި އެއްބަސްވުމުގެ ދަށުން ފުވައްމުލަކު ހޮސްޕިޓަލުގެ ލެބޯޓްރީގައި ހެދެން ނުހުންނަ ތަހުލީލުތައް ހެދުމަށް ބަލިމީހާގެ ސާމްޕަލް ނަގައި އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ލެބޯޓްރީއަށް ފޮނުވޭނެ ދާއިމީ އިންތިޒާމްތަކެއް ވަނީ ހަމަޖެހިފައެވެ.

އެގޮތުން ބަލިމީހާގެ ފަރާތުން ނެގޭ ސާމްޕަލް އައިޖީއެމްއެޗް ގެ ލެބޯޓްރީއަށް ފޮނުވާނީ ފާސްޓް ޕޯސްޓް ސާވިސް މެދުވެރިކޮށް ކަމަށާއި މި އެއްބަސްވުމަކީ ދާއިމީ އެއްބަސްވުމެއް ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ވިދާޅުވިއެވެ. އަދި އަޖުމަ ބެލުމުގެ ގޮތުން ފާއިތުވި ދެ ހަފްތާގައިވެސް ޕޯސްޓް އޮފީހާއި ހޮސްޕިޓަލް ގުޅިގެން ބައެއް ސާމްޕަލްތައް މާލެ ފޮނުވާފައިވާ ކަމަށްވެސް ފުވައްމުލަކު ހޮސްޕިޓަލުން ވިދާޅުވިއެވެ.

މި އެއްބަސްވުމާއެކު އެކިއެކި ސާޖަރީތަކާއި ގުޅިގެން ހަށިގަނޑުން ވަކިކޮށްލާ ޓިއުމަރ، ސިސްޓްފަދަ ތަކެތީގެ ބައޮޕްސީ ހެދުމާއި ލެއާއި ކުޅު ފަދަ ތަކެތި ނަގައިގެން ހަދަންޖެހޭ ލެބޯޓްރީ ތަހުލީލުތަކުގެ ތެރެއިން ފުވައްމުލަކު ހޮސްޕިޓަލުގައި ހެދެން ނުހުންނަ ތަހުލީލުތައް ހެދުމުގައި އެ ހޮސްޕިޓަލުން ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް ގިނަ ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ފުވައްމުލަކު ހޮސްޕިޓަކުން ހާމަކުރެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!