ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޤާއިމް ކޮށްފައިވާ 7,000 ހައުސިންގ ޔުނިޓަށް ނަރުދަމާ ނިޒާމްގެ ކަނެކްޝަން އެޅުމުގެ ޢަމަލީ މަސައްކަތް އެމް.ޑަބްލިޔު.އެސް.ސީއިން ފަށައިފިއެވެ.
އެމްޑަބްލިއުއެސްސީން ވިދާޅުވީ، ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހަތްހާސް ހައުސިންގ ޔުނިޓަށް ނަރުދަމާ ނިޒާމްގެ ކަނެކްޝަން އެޅުމުގެ ޢަމަލީ މަސައްކަތް އެމް.ޑަބްލިޔު.އެސް.ސީއިން ފަށައިފައިވާ ކަމަށެވެ.
މިއަދު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބޭއްވި ރަސްމިއްޔާތެއްގައި މިމަޝްރޫއު ފަށްޓަވައި ދެއްވީ އެމްޑަބްލިއުއެސްސީގެ ޗެއާޕާރސަން އަޙުމަދު މައުސޫމް އަދި މެނޭޖިން ޑިރެކްޓަރ ޙަސަން ޝާހު އެވެ.
އެމް.ޑަބްލިޔު.އެސް.ސީން ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ހިޔާ ޕްރޮޖެކްޓުގެ ތެރެއިން ޤާއިމުކޮށްފައިވާ 16 ޓަވަރަށް ޖުމްލަ 580 ނަރުދަމާ ނިޒާމްގެ ކަނެކްޝަން ގުޅައިދެވިގެންދާނެކަމަށެވެ. އަދި އެ ސަރަޙައްދަށް ނަރުދަމާގެ ޚިދުމަޔް ފޯރުކޮށްދިނުމަށްޓަކާ 11،003 މީޓަރުގެ ނަރުދަމާގެ މައި ނެޓްވޯރކާއި، 283 މޭން ހޯލްއާއި 2 ޕަންޕިންގ ސްޓޭޝަން ޤާއިމުކުރާނެކަމަށް އެކުންފުނިން ވިދާޅުވެއެވެ.
“ހިޔާ” ފްލެޓްތަކަށް ނަރުދަމާ ނިޒާމްގެ ކަނެކްޝަން އެޅުމަށް ކުރިއަށްގެންދާ މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް އެމް.ޑަބްލިޔު.އެސް.ސީން ތާވަލްކޮށްފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީގެ ނިޔަލަށެވެ.