މާލިއްޔަތު ގަވާއިދަށް ބަދަލު ގެނެސް، ގެޒެޓްކުރަން ފޮނުވައިފި

މާލިއްޔަތު ގަވާއިދުގައި އޮންނަ ބިޑްނުކޮށް މަޝްރޫއުތައް ހަވާލު ކުރެވޭ މާއްދާ އުވާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުށަހަޅާފައިވަނިކޮށް، މާއްދާ މުޅިން އުވާނުލައި ބަދަލުތަކެއް ގެނައުމަށް ފަހު ގެޒެޓް ކުރަން ފޮނުވައިފިއެވެ.

އެ ގަވައިދަށް އިސްލާހު ގެނެސްފައިވާ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވި އިރު، އާންމުކޮށް ބީލަމަށް ހުޅުވާނުލައި ބީލަން ކުރިއަށް ގެންދިއުމަށް މާލިއްޔަތު ގަވާއިދުގެ 10:27 ވަނަ މާއްދާ އުވައިލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދެވަނަ ފަހަރަށް ފިނޭންސް މިނިސްޓްރީގައި ވަނީ އެދިފަ އެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ، ކޯޕަރޭޓިވް ސޮސައިޓީ އަދި ގައުމީ ޖަމިއްޔާއާއި ސިންގަލް ސޯސްކޮށް ދެވޭގޮތަށް ކުރިން އޮތް މާއްދާ މިހާރުވަނީ ބަދަލުކޮށްފައި ކަމަށާއި، ފިނޭންސް މިނިސްޓްރީން އިސްނަގައިގެން އެޓާނީ ޖެނެރަލް، އޮޑިޓާ ޖެނެރަލް އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ހިމެނޭގޮތަށް މާލިއްޔަތު ގަވާއިދު އިސްލާހު ކުރުމަށް ހެދި ކޮމިޓީގެ އެންޑޯޒްމަންޓާ އެއްކޮށް މިހާރު މިގޮތަށް ބަދަލުކޮށް ގެޒެޓުކުރަން ފޮނުވިފައިވާ ކަމަށެވެ.

ގެޒެޓްކުރަން ފޮނުވާފައިވާ ގޮތް:

  • ގެޒެޓްކުރަން ފޮނުވި ބަދަލުތަކުގައި އޮތީ، މާލިއްޔަތު ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތަސް ދައުލަތުގެ ފަރާތުން ބިޑު ކުރުމަކާ ނުލައި ހަވާލުކުރެވޭނެ ގޮތްތަކެއް ކަނޑައަޅައިފަ އެވެ.
  • 1. ދައުލަތުން ކުރިއާލައި ރާވައިގެން ދައުލަތުގެ ބަޖެޓުން ހަރަދުކުރާ ބޮޑެތި މަޝްރޫއުތަކުގެ މަސައްކަތް، އާއްމުކޮށް ބީލަމަށް ހުޅުވާ ނުލައި ސަރުކާރުގެ 50 ޕަސެންޓަށް ވުރެ ބޮޑު މެޖޯރިޓީ ހިއްސާއެއް އޮންނަ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ސަބްސިޑަރީ ކުންފުނިތަކާއި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ލިސްޓު ކޮށްފައިވާ ސަރުކާރުގެ މެޖޯރިޓީ ހިއްސާ ހިމެނޭ ކުންފުންޏަކާ ހަވާލުކޮށްގެން ކުރެވިދާނެ އެވެ.
  • 2. މި މާއްދާގެ (ހ)ގެ 1 ވަނަ ނަމްބަރުގެ ދަށުން މަސައްކަތް ހަވާލުކުރާ ހާލަތުގައި އެ މަސައްކަތް ހަވާލުކުރާ ކުންފުނި ވާންވާނީ އެ ކުންފުނީގެ މަސައްކަތްތަކުގެ ތެރޭގައި އެ މަސައްކަތް ހިމެނޭ ކުންފުންޏަކަށެވެ.
  • 3. މި މާއްދާގެ (ހ)ގެ 1 ވަނަ ނަމްބަރުގެ ދަށުން މަސައްކަތް ހަވާލުކުރާ ހާލަތުގައި އެ މަސައްކަތް ހަވާލުކުރެވޭ ކުންފުނިން، އެ ކުންފުންޏާ ހަވާލުކުރާ މަސައްކަތް އެހެން ތިން ވަނަ ފަރާތަކާ ހަވާލުކޮށްގެން ނުވާނެ އެވެ.
  • 4. މި މާއްދާގެ (ހ)ގެ 3 ވަނަ ނަމްބަރުގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް މަސައްކަތް ހަވާލުކޮށްފައިވާ ފަރާތުން، އެ މަސައްކަތެއްގެ ބާވަތުން، ދެ ވަނަ ފަރާތަކާ ހަވާލުކޮށްގެން ނޫނީ ކުރިއަށް ނުގެންދެވޭނެ ފަދަ މަސައްކަތްތައް މި ގަވާއިދުގެ 10.09ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހުއްދަ ހޯދައިގެން އެހެން ތިން ވަނަ ފަރާތަކާ ހަވާލުކޮށްގެން ކުރިއަށް ގެންދަންވާނެ އެވެ.
  • 5. މި މާއްދާގެ (ހ)ގެ 1 ވަނަ ނަމްބަރާއި 4 ވަނަ ނަމްބަރުގެ ދަށުން މަސައްކަތް ހަވާލުކުރެވޭ ފަރާތަކީ މާލީ ގޮތުންނާއި ފަންނީ ގޮތުން ގާބިލް ފަރާތެއް ކަން ކަށަވަރުކުރަންވާނެ އެވެ.
  • 6. މި މާއްދާގެ (ހ)ގެ 4 ވަނަ ނަމްބަރުގެ ދަށުން މަސައްކަތް ހަވާލުކުރެވޭ ފަރާތަކީ އިތުރު ތިން ވަނަ ފަރާތަކާ ހަވާލުކޮށްގެން ނޫނީ ކުރިއަށް ގެންދެވޭނެ މަސައްކަތެއް ނޫން ކަން މަސައްކަތް ހަވާލުކުރާ ފަރާތުން ކަށަވަރުކުރަންވާނެ އެވެ.
  • 7. މި މާއްދާގެ (ހ)ގެ 1 ވަނަ ނަމްބަރުގެ ދަށުން މަސައްކަތް ހަވާލުކުރާ ހާލަތުގައި މަސައްކަތް ހަވާލުކުރާނޭ ފަރާތެއް ކަނޑައަޅާން ވާނީ މަސައްކަތުގެ ބާވަތާއި އަގާއި މަސައްކަތް ހަވާލުކުރާ ފަރާތް ހިމެނޭ ގޮތަށް އެ އޮފީހުގެ މާލީ ޒިންމާދާރުވެރިޔާ މި މާއްދާގެ ދަށުން އެ ފަރާތަކަށް ބީލަން ހަވާލުކުރަން ނިންމި ސަބަބު ބަޔާންކޮށް މިނިސްޓަރަށް އެ މައުލޫމާތު ހުށަހަޅާއި މިނިސްޓަރުގެ ލަފާގެ މަތިން، މި ގަވާއިދުގެ 10:09ގެ ދަށުން ހުއްދަ ހޯދައިގެންނެވެ.
  • ބީލަމަށް ހުޅުވާނުލާ މަސައްކަތްތައް ހަވާލުކުރެވޭ ގޮތަށް މާލިއްޔަތު ގަވާއިދު ބަދަލުކުރީ 2017 ވަނަ އަހަރުގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!