އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ އެޑްވައިޒަރަކަށް ރައީސް ޔާމީންގެ ރަނިންމޭޓަކަށް ހުންނެވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ހަމަޖައްސައިފިއެވެ.
ޑރ. ޝަހީމް އެޑްވައިޒަރުކަމަށް ހަމަޖައްސާފައި ވަނީ މިއަދު ޕީޕީއެމްގެ އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ، ސިޔާސީ މައިދާނުގައި ހޭދަ ކުރެއްވި މުއްދަތުގައި އެންމެ ގިނަ ފުރުސަތުތައް ފަހިކޮށްދެއްވި ލީޑަރަކީ ރައީސް ޔާމީން ކަމަށެވެ. އެމަނިކުފާނު އިސްލާމިކް މިނިސްޓަރަކަށް އައްޔަން ކުރައްވާ އަދި އޭގެ ފަހުން އިސްލާމިކް ޔުނިވާސިޓީގެ ޗެއާމަންގެ މަގާމަށް ހަމަޖައްސަވާ އަދިވެސް ސަރުކާރުގެ މުހިންމު އެތަށް މަސްއޫލިއްޔަތުތަކެއް ހަވާލު ކުރެއްވެވި ކަމަށް ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ ޕީޕީއެމާއި ގުޅިވަޑައިގެންނެވީ އަދި މިއަދު އަލުން އެކުގައި މަސައްކަތް ފެއްޓެވީ އެއްވެސް މަގާމެއްގެ ބޭނުމުގައި ނޫން ކަމަށެވެ.
“އަޅުގަނޑު ބޭނުންވަނީ ޕީޕީއެމް،ޕީއެންސީގެ މެންބަރުންނާއެކު ދެމި ހުންނަން. އަޅުގަނޑު ތިޔަ ބޭފުޅުންނާއި މި ގުޅުނީ ވަކި މަގާމަކަށް ނޫން. އަބްދުއްރަހީމް އަޅުގަނޑަކަށް އެޑްވައިޒަރުކަން ހުށައެޅުއްވީ އަޅުގަނޑު ދަންނަވައިގެނެއް ނޫން،” ޝަހީމް ވިދާޅުވިއެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މިއަދަކީ އަނެއްކާ ވެސް މަސައްކަތަށް އިތުރު ކުރިއެރުމަށް ލިބިގެން ދިޔަ ދުވަހެއް ކަމަށާއި ގައުމު މިއަދު މިއޮތް ހާލަތުގައި ޑރ. ޝަހީމް ފަދަ ބޭފުޅަކު އިސް ސަފުގައި މަސައްކަތް ކުރެއްވުމަށް ނިކުމެވަޑައިގެންނެވުމަކީ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.