ޓެގު އެޅުވުމުގެ މައްސަލާގައި އުމަރު ނަސީރު އޭސީސީއަށް ހާޒިރުކޮށްފި

ކުށްވެރިންގެ ފައިގަ ޓެގް އެޅުވުމަށް ހިންގި ޓެގް ޕްރޮޖެކްޓާއި ގުޅޭގޮތުން ސުވާލު ކުރުމަށް އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެންޓީ ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރު ކޮށްފި އެވެ.

އުމަރު ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވީ އޭނާ އޭސީސީއަށް ހާޒިރު ކުރީ އިއްޔެ ކަމަށެވެ. އޭނާ ވިދާޅުވީ އެ ޕްރޮޖެކްޓުގެ ކޮންޓްރެކްޓް ރާއްޖޭގެ އަމިއްލަ ކުންފުންޏަކާ ހަވާލު ކުރީ ހުޅުވާލެވިފައިވާ ބިޑެއްގައި އާންމުކޮށް އިއުލާން ކޮށްގެން އަދި އެންމެ ކުޑަ އަގު ހުށަހެޅި ފަރާތަށް ކަމަށެވެ. އަދި މި މަސައްކަތް ހަވާލުކުރި ކުންފުންޏަކީ އެއްވެސް ގޮތަކުން އޭނާގެ އަމިއްލަ މަސްލަހަތު އޮތް ކުންފުންޏެއް ނޫން ކަމަށެވެ.

އެކަމަށް ހުރަސް އެޅުމަށް ޓަކައި ބާރު ގަދަ އެތައް ބަޔަކު ސިޔާސީ، ގާނޫނީ އަދި އިދާރީ ގޮތުން މަސައްކަތް ކުރި ކަމަށާއި ނަމަވެސް އެ ހުރަސްތައް ‘ފޫއަޅުވާލުމަށް ފަހު’ އެ ޕްރޮޖެކްޓް ކާމިޔާބު ކުރެވުނު ކަމަށެވެ.

މިއީ ދައުލަތަށް ވެސް ބޮޑު ހަރަދަކުން ސަލާމަތްވެވޭނެ ޕްރޮޖެކްޓެއް ކަމަށާއި ނަމަވެސް ވަޒީރު ކަމުގެ މަގާމުން އޭނާ އިސްތިޢުފާ ދިނުމަށް ފަހު ވަޑައިގެންނެވި އެއްވެސް ވަޒީރަކަށް އެކަން ކުރިޔަށް ގެންދެވިފައި ނުވާ ކަމަށް އުމަރު ވިދާޅުވި އެވެ. އަދި މިހާރު އެ މަސައްކަތް އޮތީ މުޅިން ކަހަލަ ގޮތަކަށް ހުއްޓިފައި ކަމަށް އޭނާ ވިދާޅުވި އެވެ.

“މިއީ ދައުލަތަށް އަހަރަކު 30 މިލިއަން ރުފިޔާ ހަރަދު ކުޑަކޮށްދޭނެ އަދި ޖަލުތައް ފުރިބަންޑުންވުން ހައްލު ކޮށްދޭނެ، ކުށްވެރިން އަނބރާ މުޖްތަމައަށް އައުމަށް ފަސޭހަ ކޮށްދޭ މުހިންމު ޕްރޮޖެކްޓެއް. މިއީ ތަރައްގީވެފައިވާ ހުރިހާ ގައުމެއްގައި ބޭނުންކުރެވޭ ކާމިޔާބު ނިޒާމެއް.” އުމަރު ވިދާޅުވެފައިވެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!