މެރިޓައިމް ދާއިރާގެ މަސައްކަތްތެރިންނާ ބެހޭ މުއާހަދާ ރާއްޖެއިން ވަރަށް އަވަހަށް ތަސްދީގު ކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ނަހުލާ މިފަދައިން ވިދާޅުވެފައިވަނީ ދުނިޔޭގެ މެރިޓައިމް ދުވަހާއި ގުޅިގެން ދެއްވި ހިތާބުގައެވެ.
މިނިސްޓަރު ވިދާޅުވީ، ދުނިޔެއަށް ދިމާވެފައިވާ މި ދަނޑިވަޅުގައިވެސް ބައެއް ކަހަލަ ކަންކަން ތަންފީޒު ކުރުމަކީ އުނދަގޫ ކަމަކަށް ވިޔަސް ސަރުކާރުން ވަނީ ޝިޕިން ކުންފުންޏެއް ގާއިމްކޮށްފައި ކަމަށެވެ. އަދި މިއީ ރާއްޖޭގެ މެރިޓައިމް ދާއިރާގެ ހިއުމަން ރިސޯސް ވަަރުގަަދަ ވުމަށް ލިބޭ ފުރުސަތެއް ކަމަށް ފާހަގަ ކުރެއްވި އެވެ.
އިންޑިއާ އާއި ރާއްްޖެ އާ ދެމެދު ސީދާ ކާގޯ ޝިޕިންގެ ހިދުމަތް ފެށިކަންވެސް ހިތޯބުގައި ވަނީ ފާހަގަކުރައްވާފަ އެވެ.
އިތުރަށް ފާހަގަ ކުރެއްވީ، ތިމާވެށި ރައްކާތެރިކުރުމަށް އެމިޝަންސް މަދުކުރުމަށްޓަކައި ފާހަގަކުރެވިފައިވާ ކަންކަމަށް މެރިޓައިމް ދާއިރާއިންވެސް އަވަސް ހައްލެއް ހޯދަަންޖެހޭ ކަމަށެވެ.
މި އަހަރުގެ މެރިޓައިމް ދުވަހުގެ ޝިއާރަކީ ”ސަސްޓެއިނަބަލް ޝިޕިންގް ފޯ އަ ސަސްޓެއިނަބަލް ޕްލެނެޓް“، ނުވަތަ ”ދެމެހެއްޓެނިވި ދުނިޔެއަކަށް ދެމެހެއްޓެނިވި ޝިޕިންގް އިންޑަސްޓްރީއެއް“ އެވެ.