ރައީސް ދެއްވާ ހާއްސަ އިނާމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހަށް ހަމަވާނެ އެވެ.

ރައީސް އޮފީހުން ބުނެފައިވަނީ މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ދެއްވާ އިނާމަށް ހުށަހެޅުމުގެ ފުރުސަތު އާދިއްތަ ދުވަހުގެ 1400ގައި ހަމަވާނެ ކަމަށެވެ. އެހެންކަމުން އިނާމާބެހޭ ކޮމިޓީއަށް އެޑްރެސް ކޮށް، ރައީސް އޮފީހަށް ހުށަހެޅުމަށް ވަނީ އެދިފަ އެވެ.

އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ 27 ގަ އެވެ.

މަތީ ދަރަޖައިގެ އިނާމު، މިއަހަރު ދެއްވުމަށް ހަމަޖެހިފައިވަނީ ހަތަރު ގިންތިއަކުންނެވެ. ފުރަތަމަ ގިންތިއަކީ މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކަށް އިނާމުދޭ ގިންތިއެވެ. މީގައި ހިމެނެނީ، ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކާއި، ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ނުވަތަ 9ގެ ސަނަދެއް ހާސިލުކުރުމުގައި އެންމެމަތީ ވަނަ ހޯދާފައިވާ ފަރާތްތަކެވެ.

ދެވަނަ ގިންތިއަކީ، ބައިނަލްއަގުވާމީ މައުރަޒަކުން ނޫނީ މުބާރާތަކުން ނުވަތަ ބައިނަލްއަގުވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯދާ ފަރާތްތަކަށް އިނާމު ދިނުމުގެ ގިންތިއެވެ.

އަދި ތިންވަނަ ގިންތިއަކީ، ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ހައްލެއް ހޯދުމުގެ ގޮތުން އާ އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން ނުވަތަ އިލްމީ ދިރާސާއެއް ކޮށްގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިނާމު ދެއްވުމުގެ ގިންތިއެވެ.

ހަތަރުވަނަ ގިންތީގެ ގޮތުގައި، މިއަހަރު އިތުރު ގިންތިއެއް ވަނީ ހިމަނާފަ އެވެ. އެއީ، ހުނަރުވެރި މަސައްކަތްތެރި ޒުވާނުން ގައުމީ ތަރައްޤީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިނާމު ދޭ ގިންތިއެވެ. މި އިނާމު ދެނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!