އެމެރިކާއިން ރާއްޖެއަށް 60 ވެންޓިލޭޓަރ ހަދިޔާކޮށްފި

އެމެރިކާއިން ރާއްޖެއަށް 60 ވެންޓިލޭޓަރ ހަދިޔާކޮށްފިއެވެ.

ދެ ތަނެއްގައި އެއް ވަގުތެއްގައި ކުރިއަށް ގެންދެވުނު ރަސްމިއްޔާތުގައި މި އެމެރިކާގެ ފަރާތުން ވެންޓިލޭޓަރތައް ހަވާލުކޮށްދެއްވީ އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެލެއިނާ ޓެޕްލިޒްއެވެ. އަދި ރާއްޖެއިން ވެންޓިލޭޓަރތަކާއި ހަވާލުވެވަޑައިގެންނެވީ ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރ އުމަރު އަބްދުއް ރައްޒާގުއެވެ.

މިއަދު ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ ޔޫއެސްއެއިޑް އިން ފޯރުކޮށްދިން މި އެހީގެ ސަބަބުން ރާއްޖޭގެ އައިސީޔޫތަކުގެ ކެޕޭސިޓީ އިތުރުވެގެންދާނެކަމަށާއި މި އެހީގެ ސަބަބުން ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަން ފާހަގަކުރައްވާފައެވެ.

މިއީ ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިވަމުންދާ ކަމުގެ ހެއްކެއް ކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ އެމެރިކާއަކީ އަބަދުވެސް ރާއްޖޭގެ ގާތް އެކުވެރިއެއް ކަމަށާއި، ހުރިހާ ހާލަތެއްގައި ވެސް އެގައުމަށް ރާއްޖެއިން ބަރޯސާވެވޭ ކަމަށެވެ. އެގޮތުން، ބަރޯސާ ވެވޭނެ ކަން އަބަދުވެސް އެމެރިކާއިން ދައްކުވައިދީ ފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

އެމެރިކާއިން ރާއްޖެއަށް ފޯރުކޮށްދީފައިވާ އެހީތައް ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ މިހާތަނަށް ކޮވިޑާއި ގުޅިގެން އައި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެމެރިކާއިން ރާއްޖެއަށް 4 މިލިއަން ޑޮލަރު ހަދިޔާކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ދެ މިލިއަން ޑޮލަރުގެ ގްރާންޓް އެއިޑެއް ހިމެނެއެވެ. މީގެއިތުރުން އެމެރިކާއިން ވަނީ ކޮވިޑާއި ދެކޮޅަށް ކުރާ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޕީޕީއީ, ޕީސީއާރު މެޝިންގެ އިތުރުން އަދިވެސް އެހެނިހެން އިކުއިޕްމެންޓް ހަދިޔާކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!