ޗައިނާގެ ދަތުރުތައް ފަށަން މިނިސްޓަރު ޝާހިދު އެދިވަޑައިގެންފި

ކޮވިޑް-19 އާއި ގުޅިގެން އިގްތިސާދަށް އައިސްފައިވާ ހީނަރުކަމާއެކު، ފަތުރުވެރިކަން ކުރިއެރުވުމަށް ރާއްޖެއާއި ޗައިނާގެ ދަތުރުފަތުރު އަލުން ފަށައިގަންނަންޖެހޭ ކަމަށް ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވެއްޖެއެވެ.

ޗައިނާގެ ގައުމީ ދުވަހުގެ މުނާސަބަތާ ގުޅިގެން ބުދަ ދުވަހު މިނިސްޓަރު ދެއްވި ވީޑިއޯ ރެސެޕްޝަންގައި ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެންމެ މުހިންމު މަސައްކަތަކީ ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުން ކަމަށެވެ.

އެގޮތުން ރާއްޖެއާއި ޗައިނާގެ ގުޅުން އިތުރަށް ބަދަހިކޮށް ވިޔަފާރީގެ ގުޅުންތަކާއި ދަތުރުފަތުރު އަލުން ފަށަންޖެހޭ ކަން މިނިސްޓަރުގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރު ވިދާޅުވީ ދެ ގައުމުގެ ދެމެދު ވައިގެ ދަތުރުތައް ފެށިގެން ދިއުމާއެކު ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ. އެގޮތުން އެ އަމާޒަށް ވާސިލުވުމަށް ދެ ގައުމުގެ ގުޅުން ބަދަހި ކުރުމުގެ މަސައްކަތް ފޮރިން މިނިސްޓްރީން ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!