ދައުލަތުގެ ހަރަދު 17.8 ބިލިއަނަށް

މިދިޔަ ހަފުތާގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނީ 9.94 ބިލިއަން ރުފިޔާ ކަމަށާއި އެކަމަކު ހަރަދުގެ ޖުމްލަ 17.8 ބިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފި އެވެ.

އެ މިނިސްޓްރީން ކޮންމެ ހަފުތާއަކު އާއްމުކުރާ ފިސްކަލް ރިޕޯޓުން ދައްކާ ގޮތުގައި ރިކަރަންޓު ހަރަދުގެ ގޮތުގައި ދައުލަތުން ވަނީ 12.6 ބިލިއަން ރުފިޔާ ހަރަދު ކޮށްފަ އެވެ. އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 5.5 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

މުސާރަ އާއި ޕެންޝަންގެ ގޮތުގައި 6.6 ބިލިއަން ރުފިޔާ ހަރަދުކޮށްފައި ވާއިރު ހިންގުމުގެ ހަރަދުގެ ގޮތުގައި ހޭދަކޮށްފައިވަނީ 5.57 ބިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު އެއް ބިލިއަން ރުފިޔާގެ ދަށްވުމެކެވެ.

ރިޕޯޓުތައް ދައްކާ ގޮތުގައި މިހާތަނަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނީ 9.94 ބިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ގާތްގަނޑަކަށް އަށް ބިލިއަން ރުފިޔާގެ ދަށްވުމެކެވެ.

މި އަހަރު ގާތްގަނޑަކަށް 30 ބިލިއަން ރުފިޔާގެ އާމްދަނީއެއް ދައުލަތަށް ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. ނަމަވެސް ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގުތިސާދު ހުއްޓިފައި އޮތުމުން އާމްދަނީ ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.

މިއަހަރުގެ އާމްދަނީ ދަށްވާނެ ކަމަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ވަނީ ބަޖެޓު ރިވިއު ކުރުމަށް ފަހު އަލުން މަޖިލީހަށް ހުށަހެޅުމަށް ވެސް ނިންމައިފަ އެވެ. މީގެ ތެރޭގައި ހަރަދުތަކަށް ވެސް ބަދަލު އަންނާނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!