އޮޅުވާލައިގެން ރާއްޖެއަށް ވަގަށް އެތެރެ ކުރި ވެހިކަލްތަކުގެ މައްސަލައިގައި ކަސްޓަމްސްގެ ޖުމްލަ ހަތަރު މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ހާމަކޮށްފިއެވެ.
ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ކަސްޓަމަސްގެ ކޮމިޝަނަރ ޖެނެރަލް އަބްދުﷲ ޝަރީފް ވިދާޅުވީ، މިދިޔަ އަހަރު އޮޅުވާލައިގެން ރާއްޖެއަށް ވަގަށް އެތެރެ ކުރި ވެހިކަލްތަކުގެ މައްސަލަ ކަސްޓަމްސް އިން ބަލައި ތަހުގީގު ކުރުމަށް ފަހު އެ މުއްސަސާގެ މުވައްޒަފުންގެ ތެރެއިން މައްސަލާގައި ޝާމިލުވާ މުވައްޒަފުންނާމެދު ފިޔަވަޅު އަޅަމުންދާ ކަމަށެވެ.
ޝަރީފް ވަނީ މި މައްސަލާގައި ކަސްޓަމްސް އިން ފިޔަވަޅު އަޅަމުން މިދަނީ އެ މުއައްސަސާގެ މުވައްޒަފުންނަށް ކަން ފާހަގަކޮށް، މައްސަލާގައި ޝާމިލްވާ އެހެން މުއައްސަސާތަކުގެ މުވައްޒަފުންގެ މައްސަލަތައް ވެސް ބަލައި ފިޔަވަޅު އެޅެން ޖެހޭނެ ކަމަށް ފާހަގަކުރައްވާފައެވެ.