ދިޕިކާ، ސާރާ، ޝްރައްދާ އަދި ރަކޫލު އެންސީބީއަށް ހާޒިރުވާން އަންގައިފި

އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތުގެ މަރުގެ ތަހުގީގުގެ ތެރެއިން ކުރިފަޅައިގެން އައި މަސްތުވާތަކެތީގެ މައްސަލައާ ގުޅުންހުރި ބޮލީވުޑްގެ އޭ-ލިސްޓު ތަރިންތަކެއްގެ ނަން ދާދިފަހުން ފެންމަތިވެފައި ވަނިކޮށް، އެތަރިން ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އަށް ހާޒިރުވާން އަންގައިފި ކަމަށް ފަހުގެ ރިޕޯޓުތައް ބުނެފިއެވެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި، މަސްތުވާތަކެއްޗާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވިފައިވާ މަޝްހޫރު ބަތަލާއިން ކަމަށްވާ ދިޕިކާ ޕަޑުކޯނާއި، ސާރާ އަލީ ޚާނާއި، ޝްރައްދާ ކަޕޫރު އަދި ރަކޫލް ޕްރީތު ސިންގު ތަހުގީގަށް ހާޒިރުވުމަށް މިއަދު ވަނީ އަންގައިފައެވެ.

އެކަމާ ބެހޭގޮތުން ވާހަކަދައްކަމުން އެންސީބީ އޮފިސަރު އަޝޯކް ޖެއިން ހާމަކުރިގޮތުގައި، ތުހުމަތުކުރެވޭ ބައެއް މީހުންނާ ސުވާލުކުރަން ތަހުގީގަށް ހާޒިރުވުމަށް އަންގާފައިވާނެއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެމީހުންނާ ސުވާލު ކުރެވޭނެ ކަމަށް ބުންޏެވެ. ނަމަވެސް އެއީ ސީދާ ކޮންބައެއް ކަމެއް އޭނާ ހާމައެއް ނުކުރެއެވެ.

އެއާއެކު މީޑިއާތަކުން ރިޕޯޓުކޮށްފައި ވަނީ، ދިޕިކާ ތަހުގީގަށް ހާޒިރުވާނެ ތާރީޚަކީ މި މަހު 25 ކަމަށާއި، ޝްރައްދާ އާއި ސާރާ އޭގެ އަނެއް ދުވަހު ހާޒިރުވާނެ ކަމަށެވެ.

މި ތަރިންގެ ނަންތައް ފެންމަތިވެފައި ވަނީ، ކުރީގެ ޗެޓް ލޮގްތަކެއް ރިޓްރީވް ކޮށްގެން ތަހުގީގު ޓީމުން ބެލިބެލުމުންނެވެ. ނަމަވެސް މީގެ ތެރެއިން ސާރާ އާއި ރަކޫލްގެ ނަން ހާމަވީ، މިހާރު ހައްޔަރުކޮށްފައިވާ އެކްޓްރެސް ރިއާ ޗަކްރަބަތީގެ ބަޔާނުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!