މާލޭގައި ޕާކުކުރުމަށް ހާއްސަ އިމާރާތްތަކެއް ބިނާކުރަން މަޝްވަރާކޮށްފި

މާލޭގެ ޕާކުކުރުމާއި ޓްރެފިކްގެ މައްސަލަތަކަށް ހައްލު ހޯދުމަށް މާލޭގައި ޕާކުކުރުމަށް ހާއްސަ އިމާރާތްތަކެއް ބިނާކުރުމާއި ގުޅޭގޮތުން ދައުލަތުގެ ކަމާއިގުޅޭ އިދާރާތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވައި، ނައިބު ރައީސް ފައިސަލް ނަސީމް މަޝްވަރާކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ނާއިބް ރައީސް ވަނީ ޕާކުކުރުމުގެ މައްސަލަ ޙައްލުކުރުމުގެ ގޮތުން ޕާކުކުރެވޭނެ ޖާގަ އިތުރުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި، މާލޭގެ މަގުތަކުގައި ތޮއްޖެހުން ކުޑަކުރުމަށް އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން ބައްދަލުވުމުގެ ބައިވެރިންނާއިއެކު މަޝްވަރާކުރައްވާފައެވެ.

އެގޮތުން މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރައްވާފައިވާ ބައެއް ކަންކަމުގެ ތެރޭގައި، މާލޭގައި ޕާކުކުރުމަށް ޚާއްޞަ ޖާގަތަކެއް ކަނޑައެޅުމާއި، އެކަމަށް ޚާއްޞަ ޢިމާރާތްތަކެއް ބިނާކުރުމާއި، ޢާންމު ދަތުރުފަތުރުގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން ބަހުގެ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ކުރެވިދާނެ މަސައްކަތްތައް ހިމެނެއެވެ.

މީގެ އިތުރުން، އެއްގަމުގައި ދުއްވާ އުޅަނދުފަހަރަށް މުދާ އަރުވައި ބޭލުމުގެ ކަންކަން ވަކި އިންތިޒާމެއްގެ ދަށުން ހަމަޖެއްސުމާއި، ކުނި ނެގުމުގެ އިންތިޒާމުތައް މިހާރަށްވުރެ ހަރުދަނާކުރުމާއި ގުޅޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގެ ބައިވެރިން ވަނީ މި މައްސަލަތައް ޙައްލުކުރުމުގައި އެ ބޭފުޅުން ނިސްބަތްވެވަޑައިގަންނަވާ ދާއިރާތަކުން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން އެ ބޭފުޅުންގެ ޚިޔާލު ނާއިބް ރައީސާއި ޙިއްޞާކުރައްވާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!