ބައިނަލްއަގްވާމީ އިޝާރާތް ބަހުގެ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ކުޑަކުދިންނަށް ހާއްސަކޮށް އިޝާރާތް ބަހުން ވާހަކައެއް ކިޔައިދެއްވައިފި އެވެ.
ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލްގައި އާއްމުކޮށްފައިވާ ވީޑިއޯ ފައްޓަވަމުން ފަޒްނާ ވަނީ ބައިނަލްއަގްވާމީ އިޝާރަތް ބަހުގެ ދުވަހުގެ ތަހުނިޔާ ހުރިހާ ފަރާތްތަކަށް ފޮނުއްވާފަ އެވެ.
ވާހަކަދެއްކުމާއި އަޑުއިވުމުން މަހުރޫމުވެފައިވާ މީހުން ހުރިހާ ކަމެއްގައި ޝާމިލް ކުރުމަށް އެންމެން ވެސް އިޝާރާތް ބަހުގެ ކޮންމެވެސް މިންވަރެއް ދަސްކުރަން އެކަމަނާ ވީޑިއޯ ފައްޓަވަމުން އެދިވަޑައިގެންނެވި އެވެ.
އެގޮތުން ކުޑަކުދިންނަށް ހާއްސަ ވާހަކައެއް އެކަމަނާ ކިޔައި ދެއްވީ އިޝާރާތް ބަހުންނެވެ. ވާހަކައިގެ ސަބްޓައިޓްލް އާއި މަންޒަރު ފެންނައިރު، އަނގަބަހުން ވާހަކަ ވިދާޅުވެ ދެއްވަމުން އެކަމަނާ ވަނީ އިޝާރާތް ބަސް ވެސް ބޭނުން ކުރައްވާފަ އެވެ.
ބައިނަލްއަގްވާމީ އިޝާރާތުން ވާހަކަ ދައްކާ ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ވެސް ސެޕްޓެމްބަރު 23 ވަނަ ދުވަހެވެ.