ހައިކޯޓުގެ ފަނޑިޔާރުކަމަށް ދެ ބޭފުޅަކު އައްޔަނު ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
އެގޮތުން ހައިކޯޓުގެ ފަނޑިޔާރުން ކަމަށް އައްޔަނު ކުރަން ނިންމާފައިވަނީ އައްޑޫ ސިޓީ މަރަދޫ ޒެފެއަރ، އަލްއުސްތާޛާ ފާޠިމަތު ފަރުހީޒާ އާއި މާލެއަތޮޅު ދިއްފުށީ ސްވީޓްމީޑް، އަލްއުސްތާޛު ޙަސަން ޝަފީޢު އެވެ.
ހައިކޯޓަށް ފަނޑިޔާރުން ހޯދުމަށް ކޮމިޝަނުން ކުރި އިޢުލާނާއި ގުޅިގެން އެކޯޓަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން “ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ”ން ސްކްރީންކޮށް، އިންޓަވިއުކުރުމަށްފަހު އެކޮމިޝަނަށް ހުށަހަޅާފައިވާ ރިޕޯޓުގެ ތަރުތީބުން، އަލްއުސްތާޛާ ފާޠިމަތު ފަރުހީޒާ “ހައިލީ ރިކޮމެންޑް” ކޮށްފައިވާކަމަށް ޖޭއެސްސީން ބުނެފައިވެއެވެ. އަދި އެލިސްޓުގައި “ރިކޮމެންޑް” ކޮށްފައިވާ ބޭފުޅަކީ އަލްއުސްތާޛު ޙަސަން ޝަފީޢުކަމަށެވެ.
އަލްއުސްތާޛާ ފާޠިމަތު ފަރުހީޒާއަކީ އައްޑޫސިޓީ ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްގެ މަޤާމު މިހާރުވެސް އަދާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އެކަމަނާއަކީ ޤާނޫނީ ރޮނގުން މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން ބެޗްލަރ އޮފް ލޯ (އޮނަރސް) އަދި މާސްޓަރ އޮފް ކޮމްޕަރޭޓިވް ލޯ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން ޤާނޫނީ ވަކީލުކަމުގައި 10 އަހަރު ދުވަހުގެ ތަޖުރިބާ ފަރުހީޒާއަށް ލިބިލައްވާފައިވެއެވެ.