ކުޅުދުފުއްޓާއި ތިނަދޫގައި އިމާރާތްކުރާ ޓާޝިއަރީ ހޮސްޕިޓަލް އިމާރާތްކުރުމަށް ބަޔަކު ހޯދަން އިއުލާންކޮށްފި

ކޮންޓްރެކްޓަރ ފައިނޭންސްގެ ދަށުން ޑިޒައިން އެންޑް ބިލްޑް އުސޫލުން ހދ. ކުޅުދުއްފުށީ އަދި ގދ. ތިނަދޫ ޓާޝިއަރީ ހޮސްޕިޓަލެއް ޢިމާރާތްކުރުމުގެ މަސައްކަތް އަދި ކޮންޓްރެކްޓަރ ފައިނޭންސްގެ ދަށުން ނ. މަނަދޫ އަތޮޅު ހޮސްޕިޓަލް ޢިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފި އެވެ.

މިނިސްޓްރީ އޮފް ހެލްތުގެ އެދިލެއްވުމުގެ މަތިން، މިނިސްޓްރީ އޮފް ފިނޭންސުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، މިމަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާ ކަމަށެވެ. އެގޮތުން، ކުޅުދުފުއްޓާއި ތިނަދޫގައި ޓާޝިއަރީ ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަސައްކަތުގެ، ޕްރޮޖެކްޓް ބިޑް ސެކިއުރިޓީގެ ގޮތުގައި 2،300،000ރ (ދެ މިލިއަން ތިންލައްކަ ރުފިޔާ) ނުވަތަ އެއާ އެއްވަރުގެ އަދަދެއް ޔޫއެސް ޑޮލަރުން ދަންކަން ޖެހޭކަމަށް އިއުލާންގައި ބުނެފައި ވެއެވެ.

މީގެއިތުރުން، މަނަދޫ އަތޮޅު ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަސައްކަތުގެ، ޕްރޮޖެކްޓް ބިޑް ސެކިއުރިޓީގެ ގޮތުގައި 1،250،000ރ (އެއްމިލިއަން ދެލައްކަ ފަންސާސްހާސް ރުފިޔާ) ނުވަތަ އެއާ އެއްވަރުގެ އަދަދެއް ޔޫއެސް ޑޮލަރުން ދައްކަން ޖެހޭކަމަށް ވެސް އިއުލާނުގައި ބުނެފައި ވެއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، މި މަސައްކަތްތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުސޫލުގެ މަތިން ކަމަށެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެކަމަށް ވެސް އިއުލާނުގައި ވެއެވެ.

ކޮންމެ ބީލަމެއްގައި ބައިވެރިވުމަށް 1,500ރ (ފަނަރަ ސަތޭކަ ރުފިޔާ) ނުވަތަ އެއަދަށްވާ 100 ޔޫ.އެސް ޑޮލަރގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެ ކަމަށް ވެސް އިއުލާނުގައި ބުނެފައި ވެއެވެ. އެފައިސާ ބަލައިގަންނާނީ އަންނަ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ފިނޭންސް މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް – ބަނޑޭރި ޕޭ (https://bandeyripay.finance.gov.mv) މެދުވެރި ކޮށެވެ. އަދި ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ ފިނޭންސް މިނިސްޓްރީގެ އީމެއިލް އެޑްރެހަށް ފޮނުއްވަންވާނެ ކަމަށްވެސް ބުނެފައި ވެއެވެ.

މި ޕްރޮޖެކްޓުތަކުގެ ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!