ޒިކުރާ މިސްކިތް އިމާރާތްކުރުމަށް ޙަވާލުކުރި އެސްޖޭ ކޮންސްޓްރަކްޝަން އާއެކު ވެފައިވާ އެއްބަސްވުން މި ސަރުކާރުން އުވާލާފައިވާއިރު، އެ ކުންފުނި ސަސްޕެންޑް ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފިނޭންސް މިނިސްޓްރީއަށް އަންގައިފި ކަމަށް އޮންލައިން ނޫސް ރާއްޖެ އެމްވީ އިން ރިޕޯޓް ކޮށްފިއެވެ.
އިތުބާރުހުރި މަސްދަރަކުން އެކަން ވަނީ އެ ނޫހަށް ކަށަވަރު ކޮށްދީފައެވެ. އެގޮތުން އެސްޖޭ ކޮންސްޓްރަކްޝަން ސަސްޕެންޑް ކުރުމަށް އޭސީސީން އަންގާފައިވަނީ މިހިނގާ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.
އެނގިފައިވާ ގޮތުގައި އޭސީސީން އެ ކުންފުނި ސަސްޕެންޑް ކުރުމަށް އަންގާފައިވަނީ މި މަޝްރޫއުގެ ބިޑް ހުށައެޅިއިރު، އެއްބަޔަކު ހިމެނޭ ގޮތަށް ތަފާތު އެކި ޕާރޓީތަކުގެ ނަމުގައި ގުޅިގެން ބިޑް ހުށައަޅާފައިވާތީއެވެ. އެގޮތުން ވާދަވެރިކަން ދެއްކުމުގެ ގޮތުން މިގޮތަށް ބިޑް ހުށައަޅާފައިވާތީ އޭސީސީން ވަނީ އެ ކުންފުނި ސަސްޕެންޑް ކުރުމަށް އަންގާފައެވެ.
ޒިކްރާ މިސްކިތް އަލުން އިމާރާތްކޮށް އެތަނުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލު ކޮށްފައި ވަނީ 2018 ވަނަ އަހަރުގެ ޖުލައި މަހުއެވެ.