ހުޅުމާލެ ފޭސް 2ގައި އަޅާ ޞަލާހުއްދީން ސްކޫލް އިމާރާތްކޮށްދޭނެ ބަޔަކު ހޯދަނީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ ފުރަތަމަ ސްކޫލް “ޞަލާހުއްދީން ސްކޫލް”ގެ ޢަމަލީ މަސައްކަތްކޮށްދޭނެ ބަޔަކު ހޯދުމަށް އިޢުލާންކޮށްފިއެވެ. ފިނޭންސް މިނިސްޓްރީން މިހާރު ވަނީ މިކަމަށް ބޭނުންވާ ފަރާތްތަކުން ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލާފައެވެ.

ފިނޭންސް މިނިސްޓްރީ އިން ކުރި އިއުލާނެއްގައި ބުނީ މިނިސްޓްރީ އޮފް އެޑިއުކޭޝަނުގެ އެދުމުގެ މަތިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ އާ ސްކޫލު (ސޮލާހުއްދީން ސްކޫލު)ގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށާއި އެ މަސައްކަތަށް ބީލަން ހުށަހެލުމުގެ ފުރުސަތު ޝަރުތު ހަމަވާ ދިވެހި ފަރާތްތަކަށް ހުޅުވާލާ ކަމަށެވެ.

މި މަސައްކަތަށް ޝަރުތު ހަމަވާ ފަރާތެއް ކަނޑައެޅުމުގެ މަސައްކަތް ކުރާނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގެ އުސޫލުން ކަމަށް މިނިސްޓްރީ އިން ބުންޏެވެ. ބީލަމުގައި ބައިވެރިވުމަށް 1500 ރުފިޔާ ނުވަތަ 100 ޑޮލަރުގެ ނަން ރިފަންޑަބަލް ރެޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެ އެވެ. ފައިސާ ބަލައިގަންނާނީ 23 ސެޕްޓެމްބަރުން 20 އޮކްޓޯބަރަށް ފިނޭންސްގެ ބަނޑޭރި ޕޯޓަލުންނެވެ.

މިމަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ފިނޭންސްގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.

މި ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި750،000 ރުފިޔާ ނުވަތަ އެ އަދަދާ އެއްވަރެއްގެ އަދަދެއް ޑޮލަރުން ހުށަހެޅިދާނެ ކަމަށް އިއުލާނުގައިވެ އެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ.

ބީލަން ހުޅުވުން އޮންނާނީ 21 އޮކްޓޫބަރު ވަނަ ދުވަހު ކަމަށް ފިނޭންސް އިން ބުންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!