އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) ގްރޫޕްގެ މެންބަރެއްކަމަށްވާ ދި އިންޓަރނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އިން ބޭންކް އޮފް މޯލްޑިވްސް އަށް 5 މިލިއަން ޑޮލަރުގެ މުރާބަހާ ފައިނޭންސިންގ ފެސިލިޓީއެއް ހަމަޖައްސައިދީފިއެވެ.
ބީއެމްއެލުން ބުނީ، އެ ކޯޕަރޭޝަނުން ހަމަޖައްސައިދިން ފަސް މިލިއަން ޑޮލަރުގެ މުރާބަހާ ފައިނޭންސިން ފެސިލިޓީ އަކީ ބޭންކުގެ ޕްރައިވެޓް ވިޔަފާރިތަކާއި ހާއްސަކޮށް ރާއްޖޭން ބޭރުގެ މާކެޓްތަކުން މުދާ ގެންނަ (ރޯ މެޓީރިއަލް) ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކަށް ދޫކޮށްފައިވާ ފައިނޭންސިން ފެސިލިޓީއެއް ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން އިގްތިސާދަށް ނުހަނު ބޮޑަށް އަސަރުކޮށްފައިވާއިރު ބޭންކުން ދަނީ ރާއްޖޭގެ ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން އެކި މަސައްކަތްތައް ކުރަމުން ކަމަށެވެ.
މުރާބަހާ ފައިނޭންސިން ފެސިލިޓީއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އައިޓީއެފްސީގެ ސީއީއޯ އީއެންޖީ ހާނީ ސަލިމް ސޮންބޮލް ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދެވި، އަދި މުދާ އިމްޕޯޓްކުރުމަށް ބީއެމްއެލްއާ ގުޅިގެން މި ފައިނޭންސް ތައާރަފް ކުރެވޭކަމީ ލިބޭ ފަހުރެއް ކަމަށެވެ.
އައިޓީއެފްސީ އިން ފުޅާދާއިރާއެއްގައި ޕްރައިވެޓް ސެކްޓަރ އަށް އަމާޒުކޮށް އެހީތެރިވުމަށް އެކި ގައުމުތަކުގެ ލޯކަލް ބޭންކްތައް މެދުވެރިކޮށް ފައިނޭންސް ދޫކުރަމުންދާއިރު، ބޭންކް އޮފް މޯލްޑިވްސް އަކީ އައިޓީއެފްސީ އާ ގުޅިގެން ރާއްޖެއަށް ފައިނޭންސް ހަމަޖައްސައިދޭ ފުރަތަމަ ބޭންކެވެ.
އައިޓީއެފްސީ އިން މިވަގުތު ދޫކުރުމުންދާ ފައިނޭންސް އާއި ހިލޭ އެހީއަކީ އައިއެސްޑީބީ ގްރޫޕުން ކޮވިޑް-19 ރެސްޕޯންސް ޕެކޭޖްގެ ދަށުން މި ބަލިމަޑުކަމުން އަރައިގަތުމަށް ތައްޔާރުވުމުގެ ގޮތުން ބޭހުގެ ބާވަތްތަކާއި، ކާބޯތަކެތީގެ އިތުރުން ދަނޑުވެރިކަމަށް ބޭނުންވާ ގަސްކާނާ ހޯދުމަށް އޯއިސީގެ ގައުމުތައް ކަމަށްވާ ބަންގްލަދޭޝް، މިސްރު، ކިރިގިސްތާން، ދިވެހިރާއްޖޭގެ އަދި ސެނެގާލް ހިމެނޭ ގޮތަށް ދެމުންދާ މާލީ އެހީތެރިކަމެކެވެ.