ބިޑްކުރުމަކާ ނުލައި މަސައްކަތް ހަވާލުކުރެވޭނެ މާއްދާ އުވާލަން އަންގައިފި

ބިޑް ކުރުމަކާއި ނުލާ މަޝްރޫއުތައް ހަވާލު ކުރެވޭ ގޮތަށް މާލިއްޔަތު ގަވާއިދުގައި އޮންނަ މާއްދާ އުވާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފިނޭންސް މިނިސްޓްރީއަށް އަންގައިފިއެވެ.

އޭސީސީން މިއަދު ވިދާޅުވީ، މާލިއްޔަތު ގަވާއިދުގެ އެ މާއްދާ އުވާލަން ލަފާދީ އެ ކޮމިޝަނުން އިއްޔެ ފިނޭންސް މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށެވެ. އެގޮތަށް އޭސީސީން ލަފާދިނީ އެ މާއްދާ އޮތް ގޮތުން ބީލަމުގެ ވާދަވެރިކަން ގެއްލި ހާމަކަން ކުޑަވެ ކޮރަޕްޝަން ހިންގުމުގެ ފުރުސަތު ހުޅުވިގެންދާ ކަމެއް ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.

ފެބްރުއަރީ 20، 2017 ވަނަ އަހަރު އެކުލަވާލި މާލިއްޔަތު ގަވާއިދުގައި ބިޑްކުރުމަކާ ނުލައި މަސައްކަތްތައް ހަވާލުކުރެވޭނެ ކަމަށް ބުނެފައިވަނީ އެ ގަވައިދުގެ 10.27 ގަ އެވެ.

އެ މާއްދާގައި ބުނަނީ ދައުލަތުގެ ފަރާތުން ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތެއް ބިޑް ކުރުމަކާނުލައި ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުންޏަކާ ނުތަވަ މޯލްޑިވްސް ސްޓޮކް އެެކްސްޗޭންޖުގައި ލިސްޓުކޮށްފައިވާ ސަރުކާރުގެ ހިއްސާ ހިމެނޭ ކުންފުންޏަކާ ނުވަތަ ގައުމީ ޖަމިއްޔާއެއް ނުވަތަ ޖަމާއަތެއް ކަމަށް ސަރުކާރުން ގަބޫލުކުރާ މުއައްސަސާއަކާ ހަވާލުކޮށްގެން އެ މަސައްކަތެއް ކުރުވިދާނެ ކަމަށެވެ.

އެމާއްދާގެ (ށ) ގައި އޮންނަނީ މާލިއްޔަތު ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، ބޭރުގެ ޤައުމެއްގެ އެހީގައި ނުވަތަ ކޮންސެޝަނަލް ލޯނެއްގެ ދަށުން ހިންގާ މަޝްރޫޢުތަކާއި އަދި ސަރުކާރުން ކަނޑައަޅާ ޢުމްރާނީ ތަރައްޤީއާ ގުޅޭ މަޝްރޫޢުއެއް ހިންގުމުގައި ބިޑްކުރުމަކާ ނުލައި ވަޒީރުންގެ މަޖިލީހުގެ ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއްގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފަރާތަކާ ހަވާލުކޮށްގެން އެ މަޝްރޫޢެއް ހިންގިދާނެއެވެ. މިގޮތުން މަޝްރޫޢު ހަވާލުކުރެވޭ ފަރާތަކީ މާލީގޮތުންނާއި ފަންނީގޮތުން އެ މަޝްރޫޢެއް ހިންގުމަށް އެކަށީގެންވާ ފަރާތެއްކަން ކަށަވަރު ކުރަން ވާނެ ކަމަށް ވެސް އެމާއްދާ ބުނެއެވެ.

އެ މާއްދާ އުވާލަން ރައީސް ޔާމީންގެ ސަރުކާރުގައި އޮތް އޭސީސީގެ ކޮމިޝަނުން ވެސް ލަފާ ދިނެވެ. އަދި އޭސީސީގައި މިހާރު އޮތް ކޮމިޝަނުން ވެސް މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ފިނޭންސަށް އެގޮތަށް ލަފާ ދީފައިވެ އެވެ. އެފަހަރު އެގޮތަށް ލަފާ ދިނީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ބިޑްކުރުމަކާއި ނުލައި ސަރުކާރުގެ މަސައްކަތްތައް ހަވާލުކުރުމުގެ އުސޫލުގެ ކޮރަޕްޝަން ރިސްކް ދިރާސާއެއް ތައްޔާރުކުރުމަށްފަހުގަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!