އިސް ފަނޑިޔާރުން އައްޔަނު ކުރުމާބެހޭ ގަވައިދު އާންމުކޮށްފި

ރާއްޖޭގެ ޝަރުއީ ކޯޓުތަކުގެ އިސް ފަނޑިޔާރުން ކަނޑައެޅުމުގައި އޮންނަ އިންޓަވިއު މަރުހަލާއަށް ބަދަލުތަކެއް ގެނެސް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކޯޓުތަކުގެ އިސް ފަނޑިޔާރުން އައްޔަން ކުރުމުގެ އާ ގަވާއިދު ގެޒެޓްކޮށްފިއެވެ.

ޖުމުލަ އަށް މާއްދާއެއްގެ މައްޗަށް އެކުލެވޭ މިގަވައިދުގައި އިސް ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމާއި، އިންޓަވިއު ކުރުމާއި، އިންޓަވިއު ގްރޭޑް ކުރާނޭ ގޮތާއި އިސް ފަނޑިޔާރު އައްޔަނު ކުރާނެ މިންގަނޑު އަދި އިސް ފަނޑިޔާރުކަމަށް އައްޔަނު ކުރާނެ ފަނޑިޔާރު ކަނޑައެޅުމާއި ބެހޭ ބައިތައް ހިމެނެ އެވެ. 

މި ގަވައިދުގައި ވާގޮތުން އިސް ފަނޑިޔާރު ކަމަށް ފަނޑިޔާރަކު އައްޔަނު ކުރާނީ އެފަރާތެއްގެ ތައުލީމީ، ތަޖުރިބާ އަދި އަހުލާގާއި ގާބުލުކަމަށް ބެލުމަށް ފަހުއެވެ. އަދި އެ މައްސޫލިަކު އަދާކުރަން އެންމެ އެކަށޭނަ ފަރާތެއްތޯ ވެސް ބަލާނޭ ކަމަށް ގަވައިދުގައިވެ އެވެ. 

ހައިކޯޓު، ސުޕީރިއާ ކޯޓުތައް ނުވަތަ ޖުޑިޝަލް ދާއިރާއަކަށސް އިސް ފަނޑިޔާރުން އައްޔަނު ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ހުޅުވާލުމުން އެ ކަމަށް ކުރިމަތިލެވޭނީ އެ ކޯޓެއްގައި މަސައްކަތްކުރާ ފަނޑިޔާރުންނަށް ކަމަށް ގަވައިދުގައި ބަޔާންކޮށްފައިވެ އެވެ. އަދި ޖުޑިޝަލް ދާއިރާއެއްގެ އިސް މެދޖިސްޓްރޭޓް ކަމަށް ކުރިމަތި ލެވޭނީ އެ ދާއިރާއެއްގެ ކޯޓްތަކުގައި މަސައްކަތް ކުރާ މެޖިސްޓްރޭޓުންނަށް ކަމަށްވެސް ބަޔާންކޮށްފައިވެ އެވެ. 

މީގެ އިތުރުން އިސް ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތްތައް އިންޓަވިއު ކުރުމުގައި ގާނޫނުތަކަށް އަހުލުވެރިވެފައިވާ މިންވަރާއި މުޖުތަމައުގައި ދިމާވާ ކަންތައްތަކާ މެދު ގެންގުޅޭ ނަޒަރިއްޔާތާއި މުއާމަލާތް ކުރުމުގެ ހުނަރުގެ އިތުރުން އަމިއްލަ ނަފްސަށް އިތުބާރު ކުރާ މިންވަރާއި މަސައްކަތު އަހުލާގާއި ހިންގުމުގެ ހުނަރު އަދި ކުރިމަތި ލައިފައިވާ ދާއިރާއަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމުގެ ވިސްނުންހުރި މިންވަރަށް ބަލާނެ ކަމަށް ގަވައިދުގައި ވެއެވެ. 

އިސް ފަނޑިޔާރު ކަމަށް ކުރާ އިންޓަވިއު އަށްފަހު އެންމެ މަތިން ގްރޭޑް ކޮށްފައިވާ ފަނޑިޔާރަށް އެންމެ ފުރަތަމަ ޖޭއެސްސީގެ މެމްބަރުންގެ މެދުގައި ވޯޓަށް އަހައި، ކޮމިޝަންގެ އަޣުލަބިއްޔަތު ފުރަތަމަ ލިބޭ ފަނޑިޔާރެއް އިސް ފަނޑިޔާރުކަމަށް އައްޔަނު ކުރެވޭނެ ކަމަށް ގަވައިދުގައިވެ އެވެ. އަދި ޖުމުލަ މާކްސް އެއްވަރުވާ ހާލަތުގައި ވޯޓަށް އެންމެ ފުރަތަމަ އަހާނީ ފަނޑިޔާރުކަމުގެ ހިދުމަތުގައި ވީ މުއްދަތަށް ބެލުމަށްފަހު ކަމަށް ވެސް ގަވައިދުގައި ބަޔާންކޮށްފައިވެ އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!