އަންމަ މަހުގެ 16 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސްޓިއަރިންގ ކޮމިޓީތަކުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އިދިކޮޅު ކޯލިޝަނުން ބުނީ ސްޓިއަރިން ކޮމިޓީތަކުގެ އިންތިހާބު އަންނަ މަހު 16 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ކަމަށާއި މި އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
ސްޓިއަރިންގ ކޮމިޓީގެ މެމްބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމް ކޮންމެ ރަށެއްގެ ވަގުތީ އިންތިޚާބީ ކޮމިޓީންނާއި، ޕީޕީއެމްގެ ވެބްސައިޓް www.ppm.mv އަދި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އޮފީހުންނާއި، ހ. ހުރަފައިން ލިބެން ހުންނާނެއެވެ.
ސްޓިއަރިންގ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލެވޭ މަޤާމުތައް:
* ޢާންމު މެމްބަރުން
* އަންހެން މެމްބަރު
* ޒުވާން މެމްބަރު (ޢުމުރުން 35 އަހަރުނުވާ)
މި އިންތިހާބުގައި ކޮމިޓި އެކުލެވިގެންދާނީ ރަށްރަށުގެ އާބާދީ އަށް ބަލައިގެން ފަސް މެމްބަރުންނާއި 11 މެމްބަރުންނާއި ހަމަޔަށް ކަމަށް ކޯލިޝަނުން ވަނީ ބުނެފަ އެވެ. އަދި މި ކޮމިޓީގެ ރައީސަކު ހޮވާނީ އިންތިހާބުވި މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.
މަގާމްތަކަށް ކުރިމަތިލާ މީހުން ރަށްރަށުގައިނަމަ ފޯމް ހުށަހަޅާނީ ވަގުތީ އިންތިހާބީ ކޮމިޓީއަށެވެ. މާލޭގެ އަވަށްތަކަށް ކުރިމަތިލާ މެމްބަރުންގެތެރޭގައި ހިމެނޭ ހުޅުމާލެ، ވިލިމާލެ، ދަފްތަރުގެ މީހުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އޮފީހަށް ފޯމް ހުށައެޅުމަށް އެކޯލިޝަނުން ވަނީ އެދިފަ އެވެ.