އަންނަ މަހު އުމްރާގެ އަޅުކަމަށް ޙަރަމްފުޅު ހުޅުވާލަނީ

މަރުހަލާތަކަކަށް ބަހާލައިގެން، އަންނަ އޮކްޓޯބަރު މަހުގެ 4 ވަނަ ދުވަހު ޢުމްރާ ދަތުރުތައް ފެށުމަށް ހުއްދަ ދެމުންދާ ދާނެ ކަމަށް ސައުދީ އަރަބިއްޔާއިން ހާމަކޮށްފިއެވެ.

ޙަރަމުފުޅު އާއްމުކޮށް ހުޅުވާލުމަށް ސައުދީ ސަރުކާރުން ނިންމާފައި މިވަނީ ކޯވިޑުން ރައްކާތެރިވުމަށް އެެޅި ފިޔަވަޅެއްގެ ގޮތުން ޙަރަމުފުޅު ބަންދުކޮށްފައި އޮންނަތާ 6 މަސްދުވަހުންނެވެ. އުމްރާގެ އަޅުކަމަށް ޙަރަމްފުޅު އާއްމުކޮށް ހުޅުވާލަން ސައުދީ ސަރުކާރުން ނިންމާފައިވަނީ 3 ފިއްޔަވައްސަކަށް ބަހާލައިގެން އަންނަ މަހުގެ 4 ވަނަދުވަހުން ފެށިގެންނެވެ. އަދި އަލުން ހުޅުވާލާއިރު ބައެއް ޝަރުތުތައްވެސް ވަނީ ކަނޑައަޅާފައެވެ.

އުމްރާގެ އަޅުކަމަށް ފުރަތަމަ ހުއްދަދޭން ހަމަޖެހިފައިވަނީ މައްކާގައި ދިރިއުޅޭ ރައްޔިތުންނަށެވެ. މިގޮތުން މައްކާގައި ދިރިއުޅޭ ރައްޔިތުންނަށް ސަފަރު މަހުގެ 17 ވަނަދުވަސް އަންނަ އާދިއްތަ ދުވަހުން ފެށިގެން އުމްރާއަށް ޙަރަމްފުޅަށް ވަދެވޭނެއެވެ. މި ފިޔަވަހީގައި ހުއްދަ ދިނުމަށް ހަމަޖެހިފައިވަނީ ޙަރަމްފުޅުގެ 30 އިންސައްތަ ޖާގަ ފުރޭވަރަށެވެ. އެއީ ދުވާލަކު 6000 މީހުންނަށެވެ.
އުމްރާއަށް ނުކުންނަ އެންމެންވެސް ކޯވިޑަށްް ފުރަތަމަ ޓެސްޓްކުރަންޖެހޭއިރު އެއްވެސް ބަޔެއް ހުންނަ މީހަކަށް އަދި އުމްރާގައި ބައިވެރިއެއް ނުވެވޭނެއެވެ.

މައްކާއިން ބޭރު ސައުދީ އެހެން ރައްޔިތުންނަށް ޙަރަމްފުޅު ހުޅުވާލަން ހަމަޖެހިފައިވަނީ ރަބީއުލްމަހުގެ 1 ވަނަދުވަހުއެވެ. އެއީ އަންނަ މަހުގެ 18 ވަނަ ދުވަހުން ފެށިގެންނެވެ. މި ފިޔަވަހީގައި ހުއްދަ ދިނުމަށް ހަމަޖެހިފައިވަނީ ޙަރަމްފުޅުގެ 75 އިންސައްތަ ޖާގަ ފުރޭވަރަށެވެ. 15000 މީހުން އުމްރާގެ އަޅުކަން އަދާކުރުމުގެ ހުއްދަ ދޭނެއެވެ. މި ފިޔަވަހީގައި ދުވާލަކު 40000 މީހުންނަށް ޙަރަމްފުޅަށް ވަދެވޭނެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން އުމްރާއަށް އަންނަ ރައްޔިތުންނަށް ޙަރަމްފުޅު ހުޅުވާލާނީ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ. އެއީ ރަބީލްއައްވަލް މަހުގެ 15 ވަނަދުވަހެވެ. އާއްމުކޮށް ހުޅުވާލާއިރު ހަރަމްފުޅުގެ 100 އިންސައްތަ ހުޅުވާލިނަމަވެސް އުމްރާގެ އަޅުކަން އަދާކުރުމަށް މި ފިޔަވަހީގައިވެސް ހުއްދަ ދިނުމަށް ހަމަޖެހިފައިވަނީ 20 ހާސް މީހުންނަށެވެ. އަދި ދުވާލަކު ޙަރަމްފުޅަށް ވަދެވޭނީ 60 ހާސް މީހުންނަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!