މުއްދަތުގެ ތެރޭގައި ވަޒީފާގެ އެއްބަސްވުން ހަދާފައި ނުވާނަމަ ބޮޑު އަދަދަކުން ޖޫރިމަނާ

ރައްޔިތުންގެ މަޖިލީހުން ވަޒީފާ އާއި ބެހޭ ޤާނޫނަށް ގެނައި އިސްލާހުތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ތަސްދީގު ކުރައްވުމާއެކު ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތުން ސޮއިކޮށްފައިވާ ވަޒީފާގެ އެއްބަސްވުމުގެ ކޮޕީއެއް މުވައްޒަފާއި ޙަވާލުކުރުމަށް ލާޒިމުކޮށްފައިވެއެވެ.

ވަޒީފާ އާއި ބެހޭ ޤާނޫނަށް ގެނައި އިސްލާހާއި އެކު މި ބިލު ޤާނޫނަކަށްވެ ޢަމަލުކުރަން ފެށުމާއި ހަމައަށް އެއްބަސްވުމުގެ ކޮޕީ ޙަވާލުނުކޮށްހުރި ފަރާތްތަކުން ވެސް، މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ ތިން މަސް ދުވަހުގެ ތެރޭގައި އެއްބަސްވުމުގެ ކޮޕީ ވަޒީފާ އަދާކުރާ ފަރާތާއި ޙަވާލުކޮށް ނިންމުމަށް ވެސް މި އިޞްލާޙުގައިވެއެވެ. މީގެ އިތުރުން، މަސައްކަތު ގަޑި ނިމުމުން މަސައްކަތްކުރާތަން ދޫކޮށް ދިއުމުގެ ޙައްޤު މި އިޞްލާޙުގައި މުވައްޒަފުންނަށް ލިބިދީފައިވެއެވެ.

މީގެ އިތުރުން ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގައި ވަޒީފާގެ އެއްބަސްވުން ހަދާފައި ނުވާނަމަ، ނުވަތަ މުވައްޒަފަށް އެއްބަސްވުން ހަވާލުކޮށްފައި ނުވާނަމަ، 2،000 ރުފިޔާ އާއި 20،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ވަޒީފާދޭ ފަރާތް ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ގާނޫނުގައި ބުނެފައި ވެއެވެ. ވަޒީފާގެ އެއްބަސްވުމުގައި ހިމަނަން ޖެހޭ މައުލޫމާތުތައްވެސް ގާނޫނުގައި ކަނޑައަޅާފައި ވެއެވެ.

ހަމައެހެންމެ މި އިސްލާހުގައި ބުނެފައި ވަނީ، ވަގުތީގޮތުން ވަޒީފާގައި ގެންގުޅޭ ވަގުތީ މުއްދަތުކަމުގައި ތިން މަސްދުވަހަށްވުރެ ދިގުނޫން މުއްދަތެއް ވަޒީފާގެ އެއްބަސްވުމުގައި ކަނޑައެޅިދާނެ ކަމަށެވެ. އެ ވަގުތީ މުއްދަތުގައި، އެއްވެސް ނޯޓިހެއް ދިނުމަކާ ނުލައި، ވަޒީފާގެ އެއްބަސްވުން ބާތިލުކުރުމުގެ އިހުތިޔާރު ދެ ފަރާތުންކުރެ ކޮންމެ ފަރާތަކަށްވެސް ލިބިގެންވާ ކަމަށް ވަނީ ކަނޑައަޅައިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!