މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ޅ. ހިންނަވަރު ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗަކާއެކު މީހަކު ހިންނަވަރުން ހައްޔަރު ކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 34 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި މި ސެޕްޓެމްބަރ މަހުގެ 21 ވަނަ ދުވަހުގެ 14:00 އެހާކަންހާއިރު ހިންނަވަރު ބަނދަރުގައި އޮތް ލޯންޗެއްގެ ތެރެއިންނެވެ.
އޭނާއަށް ފުލުހުން ފެނުމާއެކު އޭނާގެ އަތުގައި އޮތް ސިނގިރޭޓް ފޮއްޓެއް މޫދަށް އެއްލާލުމުން އެ ސިނގިރޭޓް ފޮށިނަގައި ބަލައިފާސްކުރިއިރު އޭގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 15 ރަބަރު ޕެކެޓް ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ޅ. ނައިފަރު މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.
މި މައްސަލަ ޅ. ހިންނަވަރު ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.