ރިއާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތުގެ މަރުގެ މައްސަލައިގެ ތަހުގީގުގެ ތެރެއިން ނުކުތް މަސްތުވާތަކެއްޗާ ގުޅުން ހުރި ތުހުމަތުތަކެއްގައި ހައްޔަރުކޮށްފައި ހުރި އޭނާގެ ލޯބިވެރިޔާ އެކްޓްރެސް ރިއާ ޗަކްރަބަތީގެ ބަންދުގެ މުއްދަތު މިއަދު ހަމަވުމާ ގުޅިގެން، އެ މުއްދަތު އިތުރުކޮށްފިއެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި ރިއާގެ ބަންދުގެ މުއްދަތު މުމްބާއީ ހައި ކޯޓުން އިތުރުކޮށްފައިވަނީ އަންނަ މަހުގެ 6 އާ ހަމައަށެވެ. އަދި އެއީ ރިއާގެ ގާނޫނީ ޓީމުން ރިއާގެ ކަފާލާތަށް އެދިގެން ކޯޓަށް ހުށަހެޅި މައްސަލަ ވެސް ބޭރުކޮށްލުމަށް ފަހުގައި މީޑިއާތަކުން ބުނެއެވެ. އޭގެ ސަބަބަކީ، ރިއާ ދޫކޮށްލައިފި ނަމަ މައްސަލައާ ގުޅުންހުރި ހެކިތަކަށް ނުފޫޒު ފޯރުވައި، ހެކި ނައްތައިލަން އުޅެފާނެތީއެވެ.

ނަމަވެސް ރިއާގެ ގާނޫނީ ޓީމުން ކަފާލާތުގެ މައްސަލަ އަލުން ކޯޓަށް ހުށަހަޅަން ނިންމާފައިވާ ކަމަށް ވެއެވެ.

ރިއާ ޗަކްރަބަތީ، 28، ހައްޔަރުކޮށްފައި ވަނީ މި މަހުގެ 8 ވަނަ ދުވަހެވެ. އެއީ ޖޫން މަހު ދަންޖެހިގެން މަރުވި ސުޝާންތަށް މަސްތުވާތަކެތި ހޯދައިދީ، އެ ފަދަ މުއާމަލާތްތައް ކުރާ ބަޔަކާ ގުޅުން އޮތް ކަމުގެ ހެކިތަކެއް ލިބުމާ ގުޅިގެންނެވެ. ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އަށް ރިއާ ދިން ބަޔާންތަކުގައި ވެސް ސުޝާންތަށް މަސްތުވާތަކެތި ހޯދައިދީ، އަދި އަމިއްލަ އަށް ވެސް މަސްތުވާތަކެތި ބޭނުންކުރި ކަމަށް އިއުތިރާފުވެފައިވެއެވެ.

ނަމަވެސް ސުޝާންތު މަރުވުމުގައި ރިއާގެ އަތެއް ނުވާނެ ކަމަށް އޭނާ އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ.

ރިއާގެ އިތުރުން ހައްޔަރުގައި ތިބީ އޭނާގެ ކޮއްކޮ ޝޮވިކް ޗަކްރަބަތީއާއި، ސުޝާންތުގެ ގޭގެ މެނޭޖަރު ސެމިއުލް މިރަންޑާ އަދި މަސައްކަތު މީހެއް ކަމަށްވާ ދިޕޭޝް ސާވަންތެވެ.

މަސްތުވާތަކެއްޗާ ގުޅުންހުރި ބޮލީވުޑްގެ އިތުރު ތަރިންތަކެއްގެ ނަން ވެސް މިހާރު ވަނީ އެންސީބީއަށް ދެނެގަނެވިފައި ކަމަށް ދާދިފަހުން މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. އޭގެތެރޭގައި މަޝްހޫރު ބަތަލާ ދިޕިކާ ޕަޑުކޯނާއި، ޝްރައްދާ ކަޕޫރު އަދި ސާރާ އަލީ ޚާން ހިމެނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!