މިއީ ހަންގަނޑު އުޖާލާ ކުރުމަށް އެންމެ ފަސޭހަ އުކުޅު، މިކަން ނުކޮށް ދޫކޮށްނުލާތި!

މާ ބުރަ މަސައްކަތަކާ ނުލައި މޫނުގެ ހަންގަނޑު ތާޒާކަންމަތީ ބެހެއްޓުމަށް ބޭނުން ނުވާނީ ކާކު ހެއްޔެވެ؟ ފާޑުފާޑުގެ ޕްރޮޑަކްޓުތައް ބޭނުންނުކޮށް ވެސް އެކަން ހާސިލް ކުރެވިދާނެ ކަމަށް ކަމާބެހޭ ތަޖުރިބާކާރުން ބުނެއެވެ. އެއީ ވަރަށް ފަސޭހަ އުކުޅެއް ބޭނުންކޮށްގެނެވެ.

އެ އުކުޅަކީ، ހަފްތާއަކު އެއްފަހަރު މޫނަށް އާވިއެރުވުމެވެ. އާވިއެރުވުމުގެ ސަބަބުން މޫނަށް ލިބޭ ފައިދާތަކުގެ ތެރޭގައި ހަންގަނޑު އުޖާލާވުމާއި އޮމާންވުން ފާހަގަކޮށްލެވެއެވެ. މީގެ ސަބަބަކީ، އާވިން އަރާ ހޫނުގެ ސަބަބުން މޫނުގައި ހުންނަ ލޭ ހޮޅިތައް ފުޅާ ކޮށްދީ، ލޭ ދައުރުވުން ކުރިއަށްވުރެ ފަސޭހަ ކޮށްދޭތީއެވެ. އެއާއެކު ހަންގަނޑަށް އޮކްސިޖަން އެތެރެވާ މިންވަރު ވެސް އިތުރުކޮށްދެއެވެ. މިއީ ހަންގަނޑުގެ ތާޒާ ކަމަށް އެންމެ މުހިއްމު ކަންކަމެވެ.

ލޭ ދައުރުވުން ރަނގަޅުވުމަކީ ހަންގަނޑުގައި އުފެދޭ ކޮލާޖަން ވެސް އިތުރުކޮށްދޭ ކަމެކެވެ. ނަތީޖާއެއްގެ ގޮތުން ދުވަސްވުމުގެ އަލާމަތްތަކުން ވެސް ހަންގަނޑު ސަލާމަކޮށްދެއެވެ. ޙާއްސަކޮށް މޫނު ތެޔޮވެ އޮށާޅަ ނެގުމުގެ މައްސަލަ ހުންނަ މީހުންނަށް މި ފަރުވާ ވަރަށް ބޭނުންތެރިވާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ނަމަވެސް އާދަޔާ ޚިލާފަށް ނާޒުކު ހަންގަނޑެއް ނަމަ، މިކަން ކުރުން އެހާ ބުއްދިވެރިއެއް ނޫނެވެ. ސަބަބަކީ އާވިއެރުވުމުގެ ސަބަބުން މޫނު ރަތްވެ އިތުރު މައްސަލަތައް ކުރިމަތިވެދާނެތީއެވެ.

ޑަރމަޓޯލޮޖިސްޓުން ބުނާ ގޮތުގައި، އާވި އަރުވަން އެންމެ ރަނގަޅު ގޮތަކީ ސެލޫނަކަށް ގޮސްގެން، ޕްރޮފެޝަނަލެއްގެ ބެލުމުގެ ދަށުންނެވެ. ނަމަވެސް އެކަން ނުވާނަމަ، ސްޓީމާއެއް ބޭނުންކޮށްގެން ގޭގައި ވެސް ކުރެވިދާނެއެވެ. ނަމަވެސް އަމިއްލައަށް ކުރާއިރު ބައެއް ކަންތައްތަކަށް ސަމާލުވާން ޖެހެއެވެ. އެއީ:

– އާވިއެރުވުމުގެ ކުރިން އިސްތަށިގަނޑު އައްސައި، ބޭންޑެއް އެޅުން. އޭރުން އިސްތަށިތައް މޫނަށް ނުވެއްޓޭނެ.

– އާވިއަރުވާ އިރު ރަނގަޅަށް ދެލޯ މަރައިގެން އިނުން

– އާވިއަރުވާއިރު މޫނާ ދެތިން އިންޗި ދުރުގައި ސްޓީމާ ބެހެއްޓުން

– ހަފްތާއަކު އެއްފަހަރަށްވުރެ ގިނައިން އާވި ނޭރުވުން

– 6 މިނިޓަށްވުރެ ގިނައިން އާވިނޭރުވުން. އެހެންނޫނަމަ ހަންގަނޑު ހިކޭގޮތް ވާނެ.

– އާވިއެރުވުމުގެ ކުރިން ސްޓީމާ ރަނގަޅަށް ސާފުކުރުން

– ނިމިގެން ފިނިފެނުން ނުވަތަ ފިނި ތުވާއްޔަކުން މޫނު ފޮހެލުން

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!