އަހަންނޭ ކިޔައިގެން އެ ދައްކަނީ ދޮގު ވާހަކައެއް، ފިޔަވަޅު އަޅާނަން: ދިއާ މިރްޒާ

ބޮލީވުޑުގެ ގިނަ ތަރިންތަކާ ގުޅުންހުރި މަސްތުވާތަކެތި މައްސަލައެއް ފެންމަތިވެފައި އޮއްވައި، އެކަމުގެ ތެރެއަށް ބަތަލާ ދިއާ މިރްޒާގެ ނަން ބޭނުންކޮށްގެން ބައެއް މީޑިއާތަކުން ދައްކަމުން ދަނީ ދޮގު ވާހަކަތަކެއް ކަމަށާއި، އެކަމާ ގުޅިގެން އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ދިއާ ބުނެފިއެވެ.

“ރެހެނާހޭ ތެރެ ދިލް މޭ” އިން 2001 ވަނަ އަހަރު ބޮލީވުޑަށް ތަޢަރާފްވި ބަތަލާ އޭނާގެ މީސްމީޑިއާ އެކައުންޓުތަކުގައި ހިއްސާކުރި ޕޯސްޓެއްގައި ލިޔެފައިވާ ގޮތުގައި، މަސްތުވާތަކެއްޗާ ގުޅުވައިގެން އޭނާގެ ނަން ބޭނުންކޮށްގެން އެދައްކާ ވާހަކަތަކުން އޭނާގެ އަބުރަށާއި އިއްޒަތަށް ނޭދެވޭ އަސަރު ކުރަމުންދާ ކަމަށެވެ. އަދި އެތައް އަހަރެއް ވަންދެން ބުރަ މަސައްކަތުން ބިނާކުރި ކެރިއަރަށް ވެސް ގެއްލުންވަމުން ދާ ކަމަށް ދިއާ ލިޔެފައިވެއެވެ.

“ވަރަށް ހަރުކަށި އިބާރާތުން އަހަރެން އެކަން ދޮގުކުރަން. އަހަރެންގެ ހަޔާތުގަ ދުވަހަކުވެސް މަސްތުވާތަކެތި ގެންގުޅެ ނުވަތަ ބޭނުންކޮށްފައެއް ނުވާނެ”، އެކަމާ ގުޅިގެން އެޅެން އޮތް ހުރިހާ ޤާނޫނީ ފިޔަވަޅެއް އަޅާނެކަން އިންޒާރުކުރަމުން ދިއާ ބުންޏެވެ.

މީގެ އިތުރުން ދިއާ ވަނީ އޭނާގެ ސަޕޯޓަރުންނަށް ޝުކުރުއަދާކޮށްފައެވެ.

ދިއާ މިރްޒާ، 38، އަކީ 2000 ވަނަ އަހަރު ‘މިސް އޭޝިއާ ޕެސިފިކް އިންޓަނޭޝަނަލް’ ކާމިޔާބު ކުރި މޮޑެލް އެއްވެސް މެއެވެ. އަދި މިހާރު ދިއާ އަންނަނީ މުޖުތަމަޢުއަށް އެހީވުމުގެ ގޮތުން ސޯޝަލް މަސައްކަތްތަކުގައި ވެސް ބައިވެރިވަމުންނެވެ. ދިއާ އެންމެފަހުން ފެނިގެންގޮސްފައިވަނީ މި އަހަރު ކުރީކޮޅު “ތައްޕަޅު” ކިޔާ ފިލްމެއްގައި ސަޕޯޓިންގ ރޯލަކުންނެވެ.

ބޮލީވުޑާ ގުޅުންހުރި މަސްތުވާތަކެތީގެ މައްސަލައިގައި މިހާތަނަށް ޝައްކު ކުރެވިފައިވާ ތަރިންގެ ތެރޭގައި މަޝްހޫރު ބަތަލާ ދިޕިކާ ޕަޑުކޯނާއި، ޝްރައްދާ ކަޕޫރު އަދި ސާރާ އަލީ ޚާން ހިމެނެއެވެ. އަދި ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން މިހާރު އަންނަނީ އެ އެންމެންނާ ވަކިވަކިން ސުވާލުކުރަން ތައްޔާރުވަމުން ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!