6 ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވައިފި

6 ބިލެއް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

އެގޮތުން ތަސްދީގު ކުރެއްވި ބިލްތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލާއި ހިޔުމަން ރައިޓްސް ކޮމިޝަނުގެ ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ބިލާއި ވަޒީފާއާއިބެހޭ ގާނޫނަށް ހަވަނަ އިސްލާހު ގެނައުމުގެ ބިލް ހިމެނެއެވެ.

އޭގެ އިތުރުން “އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލު 2020” އާއި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ތިންވަނަ އިސްލާހު ގެނައުމުގެ ބިލް އަދި އޮޑިޓް ގާނޫނަށް ދެވަނަ އިސްލާހެއް ގެނައުމުގެ ބިލް ހިމެނެއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލަކީ މިމަހު 6 ވީ އާދީއްތަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 33 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

އެ އިސްލާހާއިއެކު، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ގާނޫނުގެ ހަތްވަނަ މާއްދާގެ ފަހަތަށް ތިން މާއްދާއެއް އިތުރުކުރެވިފައިވެއެވެ. އެ ގޮތުން، ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑުގެ ރައީސާއި ނައިބު ރައީސް އިންތިހާބު ކުރުމުގައި އަމަލުކުރާނެ ގޮތް ބަޔާންކުރުމުގެ އިތުރުން، އެލްޖީއޭއިން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ އެ އޮތޯރިޓީގެ ރައީސް ކަމުގައި ކަނޑައަޅާފައިވެއެވެ. އަދި، އެލްޖީއޭގެ ބޯޑުގެ ރިޔާސަތު ބެލެހެއްޓުމާއި ޖަލްސާތައް ބޭއްވުމުގައި ގެންގުޅޭނެ އުސޫލުތައް ވެސް އެ އިސްލާހާގައި ކަނޑައަޅާ ބަޔާންކޮށްފައިވެއެވެ.

ހިޔުމަން ރައިޓްސް ކޮމިޝަނުގެ ގާނޫނައަށް ދެވަނަ އިސްލާހު ގެނައުމުގެ ބިލަކީ، މިމަހުގެ 6 ވީ އާދީއްތަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 33 ވަނަ ޖަލްސާއިން ފާސްކުރައްވާފައިވާ ބިލެކެވެ.

އެއިސްލާހުގައި, ކޮމިޝަނުގެ ރައީސާއި އަދި މެންބަރުން ވެސް މިނިވަންކަމާއިއެކު ތައައްސުބާއި ނުފޫޒުން އެއްކިބާވެތިބެ މަސައްކަތްކުރުމަށް ބާރުއަޅާ މާއްދާތައް ހިމަނާފައިވެއެވެ. ކޮމިޝަނުގެ މެންބަރުންގެ މަގާމުގެ ވާޖިބުތައް އަދާކުރުމުގައި ކޮމިޝަނުގެ ޖަމާއީ ސުލޫކު އަދި ކޮމިޝަނުގެ މެންބަރުންގެ ހައިސިއްޔަތާއި ފަރުދީ ހައިސިއްޔަތުން މެންބަރުން ހިފަހައްޓަންޖެހޭ ޒާތީ ސުލޫކު މި އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

ވަޒީފާއާއިބެހޭ ގާނޫނަށް ހަވަނަ އިސްލާހު ގެނައުމުގެ ބިލަކީ މިމަހުގެ 6 ވީ އާދިއްތަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 33 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

އެއިސްލާހުގައި، ސަލާމުގެ ޗުއްޓީގެ ގޮތުގައި ބަޔާންކުރާ 30 ދުވަހުގެ ތެރެއިން 15 ދުވަސް، ވިދިވިދިގެން ދެ ދުވަހަށްވުރެ ދިގު ނުވާނެ ގޮތެއްގެ މަތިން، މެޑިކަލް ސެޓްފިކެޓަކާއި ނުލައި، ސަލާމުގެ ޗުއްޓީގެ ގޮތުގައި ބޭނުންކުރުމުގެ އިހުތިޔާރު، ވަޒީފާ އަދާކުރާ ފަރާތަށް ލިބިދީފައިވެއެވެ. އޭގެ އިތުރުން، ފަތުރުވެރިކަމުގެ ސިނާއަތުގައި ހިންގާ ވިޔަފާރިތަކުން ފޯރުކޮށްދޭ ކޮންމެ ހިދުމަތަކުން، 10 ޕަސެންޓަށްވުރެ މަދުނޫން އަދަދަކުން “ސާވިސްޗާޖް” ނެގުމަށް ލާޒިމުކުރުމާއި، ސާވިސްޗާޖްގެ ގޮތުގައި ނަގާ ފައިސާ މުވައްޒަފުންނަށް ދޭނެ ގޮތްތައް ބަޔާންކުރާ މާއްދާތައް ހިމަނާފައިވެއެވެ.

ކޯވިޑް-19 އާއި ގުޅިގެން ކުރިމަތިވެފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅޭ ހާއްސަ އުސޫލުތައް ކަނޑައެޅުމަށް ފަރުމާކޮށްފައިވާ ބިލަކީ، މިމަހުގެ 6 ވީ އާދިއްތަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 33 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

އެ ބިލުގެ މަގްސަދުތަކުގެ ތެރޭގައި، ކޯވިޑް-19 އާއި ގުޅިގެން ކުރިމަތިވެފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން، ޒަރޫރީ ބޭނުންތައް ފުއްދުމަށް ދަތިވެފައިވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ބޯހިޔާވަހިކަން ގެއްލިފައިވާ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ހޯދައިދިނުމާއި، އެއްވެސް ފަރާތެއް މަގުމަތިވިޔަ ނުދިނުމަށްޓަކައި ގާނޫނުން ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ހިމަނާފައިވެއެވެ.

އޮޑިޓް ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ބިލަކީ މިމަހުގެ 6 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 33 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ. އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ތިންވަނަ އިސްލާހު ގެނައުމުގެ ބިލަކީ މިމަހުގެ 6 ވީ އާދިއްތަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 33 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!