އިސް ފަނޑިޔާރުން އައްޔަން ކުުރުމުގެ ގަވާއިދު އާންމުކޮށްފި

ކޯޓްތަކަށް އިސް ފަނޑިޔާރުން އައްޔަން ކުުރުމުގައި އަމަލު ކުރާނެ ގަވާއިދު އެކުލަވާލާ އާންމުކޮށްފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނުން މިއަދު އާންމުކޮށްފައިވާ އެ ގަވާއިދުގައި ބުނެފައިވަނީ އިސް ފަނޑިޔާރު ކަމަށް ފަނޑިޔާރަކު އައްޔަނު ކުރަންވާނީ އެ ފަރާތެއްގެ ތައުލީމާއި ތަޖުރިބާ އާއި އަހުލާގާއި ގާބިލު ކަމަށާއި އެ މަސްއޫލިއްޔަތު އަދާކުރަން އެންމެ އެކަށޭނަ ފަރާތެއްތޯ ބެލުމަށްފަހު ޖޭއެސްސީގައި ހިމެނޭ މެންބަރުންގެ އަގުލަބިއްޔަތުން ކަމަށެވެ.

މި ގަވާއިދުގައިވާ ގޮތުން ދިވެހިރާއްޖޭގެ ހައި ކޯޓަށް ނުވަތަ ސުޕީރީއާ ކޯޓުތަކަށް ނުވަތަ ޖުޑީޝަލް ދާއިރާ އަކަށް އިސް ފަނޑިޔާރަކު އައްޔަނު ކުރުމަށް ކޮމިޝަނުން ކަނޑައަޅައިފި ހިނދެއްގައި އެ މަގާމު އަދާކުރުމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކަށް އެކަމަށް ކުރިމަތިލުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ކޮމިޝަނުން ހުޅުވައިލަންވަން ޖެހެއެވެ. އަދި މި ގަވާއިދުގެ ދަށުން ހައި ކޯޓަށް ނުވަތަ ސުޕީރީއާ ކޯޓުއްގެ އިސް ފަނޑިޔާރު ކަމަށް ކުރިމަތިލެވޭނީ އެ ކޯޓެއްގައި މަސައްކަތް ކުރާ ފަނޑިޔާރުންނަށް ކަމަށާ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓު ކަމަށް ކުރިމަތި ލެވޭނީ އެ ޖުޑީޝަލް ދާއިރާ އެއްގައި މަސައްކަތް ކުރާ ކޯޓުތަކުގެ މެޖިސްޓްރޭޓުންނަށް ކަމަށް ބުނެފައިވެއެވެ.

މިއަދު ގެޒެޓްކުރި ގަވާއިދުގައި އިސް ފަނޑިޔާރު ކަމަށް ޝައުގުވެރިކަން ފާޅުކޮށް ކުރިލައްވާ ފަނޑިޔާރުންނާއި އިންޓަވިއު ކުރުމާއި އިންޓަވިއު މަރުހަލާ ކުރިއަށް ގެންދަން ޖެހޭގޮތްވެސް ބަޔާންކޮށްފައިވެއެވެ.

ކޯޓްތަކަށް އިސް ފަނޑިޔާރުން އައްޔަން ކުުރުމުގައި ގާނޫނުތަކަށް އަހުލުވެރިވެފައިވާ މިންވަރާއި މުޖުތަމައުގައި ދިމާވާ ކަންތައްތަކާ މެދު ގެންގުޅޭ ނަޒަރިއްޔާތާއި މުއާމަލާތު ކުރުމުގެ ހުނަރާއި އަމިއްލަ ނަފްސަށް އިތުބާރުކުރާ މިންވަރާއި މަސައްކަތުގެ އަހުލާގު އަދި ހިންގުމުގެ ހުނަރާއި ކުރިމަތި ލައިފައިވާ ދާއިރާއަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމުގެ ވިސްނުންހުރި މިންވަރަށް ބަލާނެ ކަމަށް ވަނީ ބުނެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!