އައްޑޫސިޓީގެ 4 ސަރަޙައްދެއް ހިމާޔަތްކޮށްފި

އައްޑޫސިޓީގެ 4 ސަރަޙައްދެއް ހިމާޔަތްކޮށްފައިވާ ތަންތަނުގެ ގޮތުގައި ހަމަޖައްސައިފިއެވެ.

އައްޑޫ ސިޓީން ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަކީ، މާކިޅި އާއި ފެހެލެ ކިޅި ސަރަހައްދާއި، މާފިށި ކިޅި ސަރަހައްދާއި، މަތި ކިޅި ސަރަހައްދެވެ. އައްޑޫގެ 4 ސަރަހައްދެއް ހިމާޔަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞަލިހް ނިންމަވާފައިވަނީ މިމަހުގެ 8 ވަނަ ދުވަހުއެވެ.

މި 4 ސަރަޙައްދަކީ އައްޑޫ ސިޓީ ބަޔޮސްފިއަރ ރިޒާވަކަށް ހެދުމަށް 30 ސެޕްޓެންބަރު 2019 ގައި ޔުނެސްކޯ އަށް ހުށަހެޅިފައިވާ، ތިމާވެށީގެ ގޮތުން ޚާއްސަ ސިފަތަކެއް ލިބިގެންވާ ސަރަޙައްދުތަކެކެވެ.

އައްޑޫ ސިޓީ ބަޔޮސްފިއަރ ރިޒާވަކަށް ހެދުމަށް ޔުނެސްކޯއަށް ހުށަހަޅާފައި ވަނީ އާންމުންގެ ޚިޔާލު ހޯދުމުގެ ސަރވޭއިން އައްޑޫ ސިޓީގެ %97 ރައްޔިތުން ބޭނުންވާކަމަށް އެންވަޔަރަންމަންޓް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި އެސަރަޙައްދުތައް ޙިމާޔަތްކުރުމަށް ހުށަހެޅީ ކަމާބެހޭ މިނިސްޓްރީ ތަކާއި، އިދާރާތަކާއި، އެކި ސިނާޢަތްތަކާވެސް މަޝްވަރާކުރެއްވުމަށްފަހުގައި ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި ތަންތަން ހިމާޔަތްކުރުމުގެ ކަންކަން ކުރިއަށް ގެންދަވާއިރު، އައްޑޫ ސިޓީގެ ޢުމްރާނީ ތަރައްޤީއާއި ގުޅޭ މަޝްރޫޢުތަކަށް ހުރަސްނޭޅޭނެ ފަދަ ގޮތަކަށް ކަންކަން ހަމަޖެއްސެވުމަށް ވަޒީރުންގެ މަޖިލީހުން ވެސް ވަނީ ނިންމާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!