އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ނައިބު މުގައްރިރު ކަމުން ޝުއައިބް އަލީ ސަސްޕެންޑު ކުރި މައްސަލާގައި ކުރާ ތުހުމަތުތައް ސާފުކޮށްދިނުމަށް އޭނާ އެދިވަޑައިގެންފި އެވެ.
ޝުއައިބު މިހެން ވިދާޅުވެފައި ވަނީ، އެޕާޓީގެ ނާއިބު ރައީސް އަދި ފިޔަވަޅުއަޅާ ކޮމިޓީގެ މުގައްރިރު މުހައްމަދު ޝިފާޒަށް ފޮނުއްވި ސިޓީއެއްގައެވެ.
އެ ސިޓީގައި އޭނާ ވިދާޅުވެފައި ވަނީ އޭނާގެ މައްޗަށް ކުރެވުނު އެ ތުހުމަތުތަކާއި ގުޅިގެން މިދިޔަ ބުރާސްފަތިދުވަހު ޕާޓީ އޮފީހުގައި ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ހުށަހެޅުނު ތުހުމަތުތަކަށް ޖަވާބުދޭނެ ފުރުސަތު ނުދީ ވަގުތުން ވަގުތަށް އޭނާގެ މައްޗަށް ފިޔަވަޅު އެޅުމަށްފަހު ކޮމެޓީގެ ނައިބު މުގައްރިރު ކަމުންނާއި ކޮމިޓީގެ މެންބަރު ކަމުން ސަސްޕެންޑްކޮށް ޕާޓީގެ ރަސްމީ ޓުވީޓާ އެކައުންޓުން ހަމަ އެދުވަހު 3:26 ގައި އެކަން އާއްމުކޮށްފައިވާ ކަމަށެވެ.
ނަމަވެސް ހަމަ އެދުވަހުގެ 4:31 ގައި އެ މައްސަލައިގައި ޖަވާބުދާރީވުމަށް ފުރުސަތު ދެއްވައި އީމެއިލް މެދުވެރިކޮށް މައްސަލައަށް ޖަވާބުދާރީވުމަށް އެދި ސިޓީ ފޮނުއްވާފައިވާ ކަމަށެވެ. އަދި އެ ތުހުމަތުތަކަށް ދިން ޖާބުވެސް އެ ސިޓީގައި ޝުއައިބު ވަނީ ހިމަނުއްވައިފައެވެ.
ސޯޝަލް މީޑިއާގައި ޕާޓީގެ އަގު ވައްޓާލުމުގެ ތުހުމަތާގުޅިގެން ދީފައިވާ ޖަވާބުގައި ވިދާޅުވެފައިވަނީ އެގޮތަށް ޕާޓީގެ އަގު ވައްޓާލަން ކުރި ކަންތައްތައް ތަފްސީލުކޮށް ހެއްކާއެކު އަންގަވައި ދެއްވުމުން ޖަވާބު އަރުވާނެ ކަމަށެވެ.
ފިތުނަ އުފެއްދުމުގެ ތުހުމަތާ ގުޅިގެން ވިދާޅުވެފައިވަނީ، ފިތުނަ އުފައްދަން ކުރީ ކޮން ކަމެއްކަން ސިޓީގައި ބަޔާންކޮށްދީފައި ނުވާތީ، ވިދާޅުވެފައި އެވާ ފިތުނައަކީ ކޮން ދެބައެއްގެ ދެމެދުގައި އުފައްދާފައިވާ ފިތުނައެއްކަން ސާފުކޮށް އަންގަވައި ދެއްވުމުން ޖަވާބު އަރުވާނެ ކަމަށެވެ.
ސަސްޕެންޑުކޮށްފައި ވަނީ އަމިއްލައަށް ދިފާއުވެ ވަޑައިގެންނެވުމުގެ ފުރުސަތު ނުދީ ކަމަށާއި އެމްޑީޕީއަށް ގެއްލުންވާ ކަމެއް އޭނާ ނުކުރާނެކަން ޕާޓީގެ އިސް ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކަމަށް ސިޓީގައި ވެއެވެ.