ބޮޑުބަޔަކަށް ވައިޓް އެލާޓް ނެރެފި

ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވެ، މޫސުމާބެހޭ ޤައުމީ އިދާރާއިން ވައިޓް އެލަރޓް ނެރެފިއެވެ.

ވައިޓް އެލަރޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ދ.އަތޮޅާއި ހަމައަށެވެ. ވައިޓް އެލަރޓް ނެރެފައިވަނީ މިއަދު 10:30 އިން ފެށިގެން ހަވީރު 16:30 ގެ ނިޔަލަށެވެ.

އުތުރުން ފެށިގެން މެދު ރާއްޖެތެރޭގެ ރަށްތަކަށް ނެރުނު ވައިޓް އެލަރޓުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ގަޑިއަކު 19 މޭލާއި، 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައްވެސް ގަދަވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ.

ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާގޮތަށް ބަލާއިރު ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއިއެކު ވިއްސާރަކުރާނެކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އަދި ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.

ރާއްޖޭގެ ބޮޑުބަޔަކަށް ބޯކޮށް ވާރޭވެހި ވައިގަދަވެ އަދި ކަނޑުތައްވެސް ގަދަވާނެތީވެ، ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ. ޚާއްޞަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުން މުހިންމެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!