ތިލަފުށި ހިންގަމުން ގެންދާ ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) ގެ ހުރިހާ އިލްތިޒާމްތަކާއި ޒިންމާތައް ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ބަދަލު ކޮށްފި އެވެ.
އެ ދެ ކުންފުނި އެއްކޮށްލިކަން ރަސްމީކޮށް އިއުލާންކުރުމަށް ގްރޭޓާ މާލެ ކުންފުނިން ނެރެފައިވާ ބަޔާނެއްގައި ބުނީ އެކުންފުންޏާއި އެޗްޑީސީ އެއްކޮށްލުމަށް ސަރުކާރުން ނިންމާފައި ވަނީ ދެ ކުންފުނި އެއްކޮށްލުމުން މާލީ ގޮތުންނާއި އަދި ހިންގުމުގައި ލިބޭނެ ފައިދާ ތަކަށް ރިއާޔަތް ކުރުމަށްފަހު ހުޅުމާލެ، ތިލަފުށި، ގުޅިފަޅު ހިމެނޭ ގޮތަށް ގްރޭޓާ މާލޭ އޭރިޔާ ތަރައްގީ ކުރަން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް އެއް ކުންފުންޏެއްގެ ދަށުން ކުރިއަށް ގެންދިއުމުގެ މަގުސަދުގައި ކަމަށެވެ.
މި ގޮތުން ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ހުޅުމާލެ، ގުޅިފަޅު, ތިލަފުށި ތަރައްޤީކުރުމުގެ މަސައްކަތްތައް އެޗްޑީސީން ކުރިއަށް ގެންދާނީ ސަރުކާރުގެ މަޝްވަރާއާއި ލަފާގެ މަތިންނެވެ.
އެހެންކަމުން ފުރަތަމަ މަރުހަލާއެއްގެ ގޮތުން ޖީއެމްއައިޒެޑްއެލްގެ އެންމެހައި އެސެޓްސްއާއި ލައިބިލިޓީސްއާއި މުއައްޒަފުން އެޗްޑީސީއަށް ބަދަލުކުރުމަށް ނިންމާފައިވާކަމަށް ޖީއެމްއައިޒެޑްއެލް އިން ބުނެއެވެ.
އޭގެ އިތުރުން އެންމެހައި އެއްބަސްވުންތަކާއި ޖީއެމްއައިޒެޑްއެލްގެ މައްޗަށް އޮތް އެންމެހައި އިލްތިޒާމުތަކާއި ޒިންމާތައް އެޗްޑީސީއަށް ބަދަލުކުރުމަށް ނިންމާފައިވާކަމަށް ވެސް ޖީއެމްއައިޒެޑްއެލް އިން ބުނެއެވެ.
މި ގޮތުން ޖީއެމްއައިޒެޑްއެލް އާއެކު ހަދާފައިވާ އެއްބަސްވުންތަކަށާއި ލިޔެކިޔުންތަކަށް ގެންނަންޖެހޭ އެންމެހައި ބަދަލުތައް ގެނައުމަށްޓަކައި އެ ފަރާތްތަކާއެކު މުޢާމަލާތްކުރަމުން ގެންދާނެކަމަށް ވެސް ޖީއެމްއައިޒެޑްއެލް އިން ވަނީ ބުނެފައެވެ.