ކޮވިޑުން އަރައިގަތުމަށް އދ. ޗާޓަރުގެ މުހިންމުކަން ވަރަށް ބޮޑު: ރައީސް

ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ދުނިޔެއަށް މި ވަގުތު ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމުގައި އ.ދ.ގެ ދައުރާއި، އެ ޖަމުޢިއްޔާގެ ޗާޓަރުގެ މުހިންމުކަން ވަރަށް ބޮޑުކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އ.ދ.އަށް 75 އަހަރު ފުރުނަ ފާހަގަކުރުމުގެ ގޮތުން ވަރޗުއަލްކޮށް ބޭއްވި ޚާއްޞަ ޖަލްސާގައި ދެއްވި ޙިޠާބުގައެވެ. 

މި ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ، އ.ދ.އަކީ ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ރާއްޖޭގެ އެންމެ މުހިންމު އެއް ބައިވެރިޔާގެ ގޮތުގައި ސިފަކުރައްވައިފައެވެ. އަދި އެ ޖަމުޢިއްޔާގެ ގުނަންތަކުގެ ބޭނުން ރާއްޖެއިން ހިފަމުންދަނީ ބައިނަލްއަޤްވާމީ މުޖުތަމަޢާއިއެކު އެކި ދާއިރާތަކުން ގުޅުން ބަދަހިކޮށް، މައްސަލަތަކާއި ދަތިތަކަށް ހައްލު ހޯދުމަށްކަމުގައި ވިދާޅުވެިއެވެ. މިގޮތުން، މޫސުމީ ބަދަލުތަކުން ފެށިގެން ނިރުބަވެރިކަމާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކާއި، ވިޔަފާރީގެ ދާއިރާގެ އިތުރުން ސަރަޙައްދީ ގުޅުންތައް ހަރުދަނާކުރުމަށް ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އެ މަނިކުފާނުގެ ޚިޠާބުގައި އަލިއަޅުއްވައިލެއްވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، މި ވަގުތު ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވެފައިވާ މައްސަލަތައް ކަމަށާއި، މި ބަލިމަޑުކަމުން އަރައިގަތުމަށް ޤައުމުތަކުން ކުރަމުންދާ މަސައްކަތްތަކުގައި އެންމެ އިސް ދައުރެއް އަދާކުރާ އެކައްޗަކީ އ.ދ.ގެ ޗާޓަރު ކަމުގައެވެ. އަދި ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކާއި ޢަމަލު ކުރަމުންދާ ސިޔާސަތުތަކަކީ، އެ ޗާޓަރުގައި އެކަށައަޅާފައިވާ އަސާސްތަކާއި އެއްމަގުން ކުރަމުންދާ މަސައްކަތްތަކެއް ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

ހަމައެހެންމެ އެމަނިކުފާނު ވިދާޅުވީ، ކޮވިޑް-19 އިން އަރައިގަތުމަށް ކުރާ މަސައްކަތަކަީ މިވަގުތު ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މަސައްކަތް ކަމަށެވެ. އެއާއެކު މި ކަމުގައި ރާއްޖެ ފަދަ މި ބަލީގެ ނުރައްކާތެރިކަން ބޮޑެތި ޤައުމުތަކަށް، އެ ޤައުމުތަކުގެ އިޤްތިޞާދު ނަގަހައްޓައި ސިނާޢީ ދާއިރާތައް ކުރިއެރުވުމުގައި ބައިނަލްއަޤްވާމީ މުޖުމަތަޢުގެ އެހީތެރިކަމާއި އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި، މިކަމާއި، ދުނިޔެއަށް ކުރިމަތިވެފައިވާ މި ފަދަ އެހެނިހެން މައްސަލަތަކާއި ކުރިމަތިލައި، އެ މައްސަލަތަކަށް ހައްލު ހޯދުމުގައި ބައިނަލްއަޤްވާމީ މުޖުތަމަޢާއި ގުޅިގެން މަސައްކަތް ކުރުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އ.ދ.ގެ މެންބަރު ޤައުމެއްގެ މަޤާމު ރާއްޖެއަށް ލިބުމަކީ، އަދި އެ މަޤާމުގައި ދެމިއޮތުމަކީ ރާއްޖެއަށް ލިބިފައިވާ ޝަރަފެއް އަދި ފަޚުރެއްކަން ވެސް ރައީސް ފާހަގަކުރައްވާފައި ވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!