ބޮލީވުޑާ ގުޅުންހުރި މަސްތުވާތަކެތީގެ މައްސަލައިގައި ފެންމަތިވި ފަސް ނަން

އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތުގެ މަރަށްފަހު ބާރު ދުވެލީގައި ކުރިއަށްދާ މަސްތުވާތަކެތީގެ ތަހުގީގަށް ބޮލީވުޑްގެ ފަސް ތަރިއެއްގެ ނަން ފެންމަތިވެއްޖެ ކަމަށް ‘ޓައިމްސް ނައު’ ނޫހުން ބުނެފިއެވެ.

ޑިލީޓު ކޮށްފައިވާ ޗެޓް ލޮގުތަކެއް އަލުން ރީޓްރީވް ކޮށްގެން ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ބެލި ބެލުމުގައި ފާހަގަކުރެވިފައިވާ ބޮލީވުޑްގެ 5 ތަރިއެއްގެ ނަމުގެ ފެށޭ އަކުރުތައް މިހާރު ވަނީ މީޑިއާއަށް ތިލަވެފައެވެ. އެގޮތުން އެ އަކުރުތަކަކީ “ކޭ، ޑީ، އެސް، އެން އަދި ޖޭ” ކަމަށް ‘ޓައިމްސް ނައު’ އިން ރިޕޯޓުކުރެއެވެ.

އެ އަކުރުތައް ދޭހަކޮށްދޭ ނަންތައް ކަމަށް ލަފާކޮށް ގިނަ މީޑިއާތަކުން ބުނަނީ “ކޭ” އަކީ 90 ގެ އަހަރުތަކުގައި ބޮލީވުޑްގައި ވިދައިލި ތަރިއެއް ކަމަށާއި، އެއީ ފިލްމީ އާއިލާއަކަށް ނިސްބަތްވާ ތަރިއެއް ކަމަށެވެ. އަދި “ޑީ” އަކީ މަޝްހޫރު ބަތަލާ ދިޕިކާ ޕަޑުކޯން އެވެ.

“އެސް” އަކުރަކީ ބަތަލާ ޝްރައްދާ ކަޕޫރަށް ނިސްބަތްވާ އަކުރު ކަމަށާއި، “އެން” އަކުރަކީ ވެސް 90 ގެ އަހަރުތަކުގައި ވިދައިލި ތަރިއެއްގެ ނަން ކަމަށް ވެއެވެ. މީގެ އިތުރުން “ޖޭ” އަކުރު ނިސްބަތްވަނީ ސުޝާންތުގެ ކުރީގެ ޓެލެންޓު މެނޭޖަރު ޖާޔާ ސާހާ އަށް ކަމަށްވެސް ބުނެވެއެވެ.

މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި، އެންސީބީ އިން މިހާރު އަންނަނީ އެ ހުރިހާ އެންމެންނާ ސުވާލުކުރަން ތައްޔާރުވަމުންނެވެ. އަދި މި މައްސަލައިގައި ހައްޔަރު ކުރެވިފައި ހުރި އެކްޓްރެސް ރިއާ ޗަކްރަބަތީ ދިން ބަޔާނުގައި މީގެކުރިން ވަނީ ބަތަލާ ސާރާ އަލީ ޚާނާއި ރަކޫލް ޕްރީތު ސިންގް އަދި ފެޝަން ޑިޒައިނަރު ސިމޯން ކަމްބަތާގެ ނަން ވެސް ހާމަކޮށްފައެވެ. އެހެންކަމުން އެންސީބީއިން ވަރަށް އަވަހަށް އެމީހުންނާވެސް ސުވާލު ކުރާނެ ކަމަށްވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!