ސުޝާންތު މަރުވުމުގެ 5 ދުވަސް ކުރިން ދައްތައަށް ގުޅާފައި ދެއްކީ ސިހޭވަރުގެ ވާހަކަތަކެއް!

ބޮލީވުޑް އެކްޓަރު ސުޝާންތުގެ ސިންގް ރާޖްޕުތުގެ މަރުގެ ތަހުގީގަށް އާ ކަންތައްތަކެއް އެނގިއްޖެ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.

ސުޝާންތު މަރުވީ އަމިއްލައަށް ތޯ ނުވަތަ އެ މަރުގައި ޤަތުލެއް ކަމަށް ޝައްކުކުރެވޭ ކަހަލަ ކަންތައްތަކެއް ވޭތޯ ބެލުމަށް ސީބީއައި އިން ކުރާ ތަހުގީގަށް ލިބިފައިވާ އާ މަޢުލޫމާތަކީ، ސުޝާންތު މަރުވުމުގެ ދުވަހާ ޖެހެންދެން އޭނާގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީއާ ގުޅޭތޯ މަސައްކަތްކޮށްފައިވާ ކަމާއި، މަރުވުމުގެ 5 ދުވަސް ކުރިން ދައްތަ މީތޫ ސިންގަށް ގުޅައިގެން އާދަޔާޚިލާފު ވާހަކަތަކެއް ދައްކާފައިވާކަން ކަމަށް ‘ޓައިމްސް ނައު’ ނޫހުން ރިޕޯޓުކުރެއެވެ.

އެގޮތުން ރިއާއާއި ސުޝާންތު އެއްގެއެއްގައި އުޅެމުން ދަނިކޮށް ޖޫން 8 ވަނަ ދުވަހު ރިއާ ކުއްލިއަކަށް ސުޝާންތު ދޫކޮށް އެގެއިން ނުކުމެގެން ދިޔަ ފަހުން ސުޝާންތު ރިއާއަށް ގުޅަން ވަރަށް މަސައްކަތްކޮށްފައިވާ ކަމަށް ކޯލް ރިކޯޑުތަކުން އެނގެން ހުރިކަމަށް ވެއެވެ. ނަމަވެސް އެދުވަހަށް ފަހު ރިއާ ވަނީ ސުޝާންތުގެ ނަންބަރު ބްލޮކް ކޮށްލައިފައެވެ.

ސުޝާންތު މަރުވުމުގެ 5 ދުވަސް ކުރިން، ޖޫން 9 ގައި ދައްތައަށް ގުޅާފައި ވަރަށް ހާސްވެގެން ވާހަކަތަކެއް ދެއްކި ކަމަށްވެސް ރިޕޯޓުގައި ވެއެވެ. އެގޮތުން، “އެމީހުން އަހަރެން ފްރޭމް ކުރާނެ” ކަމަށާއި، “އެމީހުން އަހަރެން މަރާލާނެ” ކަމަށްބުނެ ވަރަށް ބިރުންހުރެ ވާހަކަ ދެއްކި ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް ރިޕޯޓުކުރެއެވެ.

ނަމަވެސް “އެމީހުން”ނަކީ ކޮންބައެއް ކަމެއް ސާފުވާ ގޮތެއް ނުވެއެވެ.

މަރުގެ މައްސަލައާ ގުޅޭ އާ ކަންތައްތަކެއް ފެންމަތިވެފައި މިވަނީ ސުޝާންތު މަރުވިތާ 3 މަސް ފަހުންނެވެ. އަދި މި މައްސަލައިގެ ތަހުގީގާ ސީބީއައި (ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން)، އެންސީބީ (ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ) އަދި އީޑީ (އެންފޯސްމެންޓް ޑިރެކްޓަރޭޓް) އިން ހަވާލުވެފައި ވަނީ ސުޝާންތުގެ އާއިލާއާއި އެހެން މީހުންގެ އެދުމުގެ މަތިންނެވެ. އަދި މިހާތަނަށް ވަނީ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލައެއް ފެންމަތިވެ، ރިއާއާއި އިތުރު ބަޔަކު ހައްޔަރުވެސް ކޮށްފައެވެ.