މިނިސްޓަރ ޝާހިދު ރަސްމީޔާތު ތަކުގައި ބައިވެރިވަނީ ހުއްދަ ހޯދައިގެން: ފޮރިން މިނިސްޓްރީ

ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ރަސްމީޔާތު ތަކުގައި ބައިވެރިވެ ވަޑައިގަންނަވަނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ހުއްދަ ނަގައިގެން ކަމަށް ފޮރިން މިނިސްޓްރީ އިން މިއަދު ބުނެފިއެވެ.

އެމިނިސްޓްރީ އިން މިހެން ބުނެފައިވަނީ، މިނިސްޓަރ ޝާހިދު އެޗްޕީއޭގެ އެންގުން ތަކާއި ހިލާފުވެފައި ވާކަމަށް އިދިކޮޅު ކޯލިޝަނުން ބުނުމުނެންވެ. އެ ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ރާއްޖެއިން ބޭރަށް ދަތުރުފުޅެއް ކުރެއްވުމަށްފަހު ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އެނބުރި ރާއްޖެ ވަޑައިގަތީ 19 ސެޕްޓެމްބަރުގައި، ދުބާއީއިން އައި އެމިރޭޓްސް އެއާލައިންގެ ފްލައިޓުން ކަމަށާއި، އަދި ވިދިގެން އައި ދުވަހު ސްޓޭޓް ބޭންކް އޮފް އިންޑިއާއަށް ޓްރެޜަރީ ބޮންޑް ވިއްކައިން ބޮޑު ލޯނެއް ނެގުމާ ގުޅުންހުރި ރަސްމިއްޔާތުގައި، ގިނަ ބަޔަކު އެއްކޮށްގެން މިނިސްޓަރު ޝަހިދު ވަނީ ހަރަކާތްތެރިވެފައި ކަމަށެވެ. އަދި އެކަމާ ގުޅުގެން ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، މިނިސްޓަރު ޝާހިދު ވަނީ އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުވެ ވަޑައިގެންފާ ކަމަށެވެ.

ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު މިއަދު ވިދާޅުވީ މިނިސްޓަރު ޝާހިދު ގެންދަވަނީ 14 ދުވަހުގެ ހޯމް ކަރަންޓީން މުއްދަތު ފުރިހަމަ ކުރައްވަމުން ކަމަށެވެ. ރަސްމީ އިވެންޓްތަކުގައި ބައިވެރިވެވަޑައިގަންނަވަނީ އެޗްޕީއޭގެ ޚާއްސަ ހުއްދައެއްގެ ދަށުން އަމަލުކުރަން އަންގަވާފައި އޮތް ގޮތަށް ކަމަށް ވެސް ވިދާޅުވި އެވެ.

އޭގެ ތެރޭގައި ގައިދުރުކަމާއި ގިނަ ވަގުތު އެ ހަރަކާތެއްގެ ތެރޭގައި ނުހުންނެވުން ހިމެނޭ ކަމަށް މިއުވާން ވިދާޅުވި އެވެ.

“އެ ހުއްދައިގެ ދަށުން މި ހަފުތާ އާއި އަންނަ ހަފުތާގައި ވެސް އޮންނަ ބައެއް ރަސްމީ އިވެންޓުތަކުގައި [މިނިސްޓަރު ޝާހިދު] ބައިވެރިވެވަޑައިގަންނަވާނެ،” މިއުވާން ވިދާޅުވި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!